ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑަށް ދިވެހިރާއްޖެ އަނެއްކާވެސް ނޮމިނޭޓްވެއްޖެއެވެ.
މިއީ މި އެވޯޑަށް ރާއްޖެ ނޮމިނޭޓްވި 7 ވަނަ ފަހަރެވެ. ނޮމިނޭޓްވި 7 ފަހަރުގެ ތެރެއިން ރާއްޖެއިން ވަނީ މި އެވޯޑު ޖެހިޖެހިގެން 6 ފަހަރު ކާމިޔާބުކޮށްފައެވެ.
2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ޖެހިޖެހިގެން 6 އަހަރު މި އެވޯޑު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މިއަހަރުގެ އެވޯޑު ރާއްޖެއަށް ލިބިއްޖެނަމަ، މިއީ މި އެވޯޑު ޖެހިޖެހިގެން ރާއްޖެއިން ކާމިޔާބުކުރާ 7 ވަނަ ފަހަރަށް ވެގެންދާނެއެވެ.
މައި މަންޒިލްގެ އެވޯޑުގެ އިތުރުން، ފަތުރުވެރިކަމާ ގުޅޭ ތަފާތު އެކި ދާއިރާތަކުން ރާއްޖޭގެ ރިސޯޓުތަކާއި ކުންފުނިތައް ވެސް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްވެފައެވެ.
މިއަހަރުގެ އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ. ވޯޓުލެވޭނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޮފިޝަލް ވެބްސައިޓް މެދުވެރިކޮށެވެ. ވޯޓުލުމުގެ ކުރިން އެކައުންޓެއް ހަދައި، އީމެއިލް މެދުވެރިކޮށް އެކައުންޓް ވެރިފައިކުރަންޖެހޭނެއެވެ.
ވީހާވެސް ގިނައިން ވޯޓުދީ، ރާއްޖެއަށް 7 ވަނަ ފަހަރަށް މި އެވޯޑު ހޯދައިދިނުމަށް ސަރުކާރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިދާރާތަކުން އެދެއެވެ.






