އާދިއްތަ, October 25
ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

ކުޑަކުދިންނަށް ކުރެވޭ ކުށްތަކާ ގުޅިގެން ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށާއި، ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ޚާއްޞަ ވޯކްޝޮޕެއް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން މިއަދު ބާއްވައިފިއެވެ.

"ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށް އެއްބާރުލުން އިތުރުކުރުން" މި ނަމުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ބާއްވާފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގެ 2 ވަނަ ފަންގިފިލާގައެވެ.

ޖުމްލަ 30 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިން ކުރާ ކުށްތަކާ ގުޅިގެން އެ ކުދިންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެހެނިހެން ގޮތްގޮތުން މައްސަލަ ހައްލުކުރުމަށް ބާރުއަޅާ ޑައިވަރޝަންގެ ނިޒާމު ހަރުދަނާކޮށް، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ.

ވޯކްޝޮޕްގައި ޑައިވަރޝަންގެ އުސޫލުތަކާއި، ޤާނޫނީ އަދި ސިޔާސަތުތަކުގެ އޮނިގަނޑުގެ ތެރެއިން އެކަންކަން ހިނގަމުންދާ ގޮތް ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ.

މީގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާއި، މައްސަލަތައް ހަވާލުކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މި ނިޒާމުގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރާއި މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލައި، ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޑައިވަރޝަން ޕްލޭންގެ ނަމޫނާތަކެއް ވެސް ހުށަހަޅާފައެވެ.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހާމަކުރި ގޮތުގައި، މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކުޑަކުދިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު