ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔަލެންޑް ކުޅޭ މެޗުގައި ބައިވެރިނުވެ ވަކިވުމަށް އެ ޓީމުގެ ގޯލްކީޕަރު ގެވިން ބަޒޫނޫ ނިންމައިފިއެވެ. އޭނާ މި ނިންމުން ނިންމި ސަބަބު ބަޔާންކޮށް ސޯޝަލް މީޑިއާގައި ވަނީ ބަޔާނެއް އާންމުކޮށްފައެވެ.
ބަޒޫނޫ ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި އޭނާގެ މި ނިންމުމަކީ ކުށެއްނެތް މައުސޫމް މީހުން މެރުމަކީ ގޯހެއް ކަމަށް ގަބޫލުކުރާތީ ނިންމި ނިންމުމެކެވެ.
އަދި ގައުމު ތަމްސީލުކުރުމަކީ އަމިއްލަ ނަފުސަށްވުރެ ބޮޑު ޒިންމާއެއް ކަމަށާއި، އެއީ އޭނާއަށް ހުރިހާ ވެސް އެއްޗެއްގެ އިތުރުން ނުހަނު ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
“އަހަންނަކީ ވަރުގަދަ އަގީދާއެއް އޮންނަ މީހެއް، އަދި އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އަޚްލާގާއި އުސޫލުތަކުގައި ހިފަހައްޓާ މީހަކަށް ވުމަށް. އެހެންކަމުން، ކުރިއަށް އޮތް އިސްރާއީލް މެޗުތަކުގައި ބައިވެރިވުމަކީ ގޯހެއް ކަމަށް އަހަންނަށް އިހުސާސް ކުރެވެނީ،” ބަޒޫނޫގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން، މާ މަތިވެރި މަގުސަދެއްގެ ހައްގުގައި ތެދުވުމުގެ ފުރުސަތު ލިބޭ ވަގުތުތައް އަންނަ ކަމަށާއި، މިއީ އެފަދަ އެއް ވަގުތު ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފެށުމުގެ ކުރިން، އަޔަލެންޑް ޓީމުން ކަޅު ކުލައިގެ އަތްދަނޑި އަޅާނެ ކަމަށާއި، އިސްރާއީލުގެ ފުޓްބޯޅަ ކުޅުންތެރިންނާ ސަލާމް ނުކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



