ރާއްޖޭގައި މެދުކެނޑުމެއް ނެތި 15 އަހަރު ވަންދެން ހިންގާފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ހޯދުމުގެ ފުރުސަތު ހުޅުވާލައި، އެކަމާ ގުޅޭ އައު ގަވައިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. ދިވެހި ކޮލެޖުތަކުގެ އިތުރުން، ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ދުވަހު ހިންގާފައިވާ އަދި އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތަކަށްވެސް ރާއްޖޭގައި ރަޖިސްޓްރީވެގެން ހިދުމަތް ދިނުމުގެ މަގު މި ގަވައިދުގެ ދަށުން ވަނީ ތަނަވަސްވެފައެވެ.
މި ގަވައިދުގެ ދަށުން ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުވުމަށްޓަކައި ހަރުދަނާ ޝަރުތުތަކެއް ފުރިހަމަކުރަންޖެހެއެވެ. އެގޮތުން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި 9 ގެ ކޯސްތައް މަދުވެގެން ތިން ދާއިރާއަކުން ފާއިތުވި ފަސް އަހަރު މެދުނުކެނޑި ހިންގާފައިވުމާއެކު، އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާންޖެހެއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދަރިވަރުންގެ އަދަދު އެ މިންވަރުގައި ހިފެހެއްޓިފައި ހުރުމުގެ އިތުރުން، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭންކިންގައި ބައިވެރިވެފައިވުމާއި، ބައިނަލްއަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި ފަސް އަހަރު ހޭދަކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން، ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން ރިސާޗު ހިންގުމުގެ ތަޖުރިބާ ހުރުމާއި، މުވައްޒަފުންގެ 10 އިންސައްތައަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.
ޔުނިވާސިޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ހަޔާ އެޑިއުކޭޝަން ވުޒާރާގެ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ކުރިއަށްދާއިރު، ހުށަހެޅޭ ޕްރޮޕޯސަލްތައް ދިރާސާކުރާނީ މަތީ ތައުލީމުގެ ދެ ތަޖުރިބާކާރުންނާއި، ހަޔާ އެޑިއުކޭޝަން ވުޒާރާއާއި އެމްކިއުއޭގެ އިސް މުވައްޒަފުންގެ އިތުރުން މާލީ ދާއިރާގެ މެންބަރަކު ހިމެނޭ ފަސް މެންބަރުންގެ ފަންނީ ކޮމިޓީއަކުންނެވެ. މި ގަވައިދުގެ ދަށުން ރަޖިސްޓްރީ ކުރެވޭ ޔުނިވާސިޓީތައް ކޮންމެ ތިން އަހަރަކުން އެއްފަހަރު އެމްކިއުއޭއިން އޮޑިޓްކުރަންޖެހޭއިރު، މައްސަލައެއް ދިމާވެއްޖެނަމަ މުއައްސަސާތަކުން ނުއަންގައި ގޮސް މައްސަލަ ބަލައި ފިޔަވަޅުއެޅުމުގެ ބާރު ވަނީ ދީފައެވެ. މިވަގުތު ރާއްޖޭގައި ހިންގަމުންދަނީ ދައުލަތުގެ ދެ ޔުނިވާސިޓީ ކަމަށްވާ އެމްއެންޔޫ އާއި އައިޔޫއެމް އެކަންޏެވެ.
މި ލިޔުން ކިޔާލުމުން



