Saturday, November 14
ވޯލްޑް ކަޕްގައި ރޮނާލްޑޯ ތަފާތު ދައްކާނެ - އަލްމެއިޑާ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ނިމުމަކާ ގާތްވަމުން ދިޔަ ނަމަވެސް، އޭނާއަކީ އަދިވެސް ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލްކަން ހުރި ކުޅުންތެރިއެއް ކަމަށް ޕޯޗުގަލްގެ ކުރީގެ ފޯވާޑް ހޫގޯ އަލްމެއިޑާ ބުނެފިއެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕޯޗުގަލް ތައްޔާރުވަމުން އަންނައިރު، ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި ތައްޓަކީ ވޯލްކަޕެވެ.

ވޯލްޑް ކަޕް ފެށޭއިރު، ރޮނާލްޑޯގެ އުމުރާ ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯއާއެކު ކުޅުނު އަލްމެއިޑާ ބުނާ ގޮތުގައި، އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި ޓީމުގެ ކުރިބަލަހައްޓަން ރޮނާލްޑޯ ހުރީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށެވެ.

"ލޫސާ" އަށް ދިން އިންޓަވިއުއެއްގައި އަލްމެއިޑާ ބުނީ އަލް-ނަސްރުގެ ތަރި ރޮނާލްޑޯގެ ކުޅުން ދަށްވެފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ބަރުދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

"އުމުރަކީ މައްސަލައެއް ނޫން. މިއަދު އަހަރެމެންނަށް ފެންނަނީ އުމުރުން 39، 40 ނުވަތަ 41 އަހަރުގެ ކުޅުންތެރިންވެސް ވަރަށް ރަނގަޅު ފިޓްނަސްއެއްގައި ތިއްބާ. ރޮނާލްޑޯ އަންނަނީ ދުވަހުން ދުވަހަށް އޭނާގެ ހަށިގަނޑާއި ކުޅުން އިތުރަށް ވަރުގަދަކުރަމުން. ވޯލްޑް ކަޕަކީ އޭނާގެ ކެރިއަރުގައި މަދުވާ ހަމައެކަނި ކާމިޔާބީ. އެހެންކަމުން އޭނާ މުބާރާތަށް އަންނާނީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް އަހަރެން ގަބޫލުކުރަން،"

އަލްމެއިޑާ ކިޔައިދިނެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ ކުރީކޮޅު ފެނުނު ހަލުވި ދުވެލި މިހާރު މަޑުޖެހިފައި ވީނަމަވެސް، ރޮނާލްޑޯގެ ފުޓްބޯޅަ ވިސްނުމަކީ އަދިވެސް ދެވަނައެއް ނެތް ފަދަ ލާމަސީލު މިސާލެއް ކަމަށް އަލްމެއިޑާ ދެކެއެވެ. ވާޑާ ބްރެމެންގެ ކުރީގެ ފޯވާޑް އަލްމެއިޑާ ގަބޫލުކުރާ ގޮތުގައި، ސަޕޯޓަރުން ރޮނާލްޑޯގެ ކިބައިން ކުރާ އުންމީދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވި ނަމަވެސް، އޭނާގެ ހުނަރަށް އިހުތިރާމް ކުރަންޖެހޭނެކަމަށެވެ.

ކޮލަމްބިއާ، އުޒްބެކިސްތާން އަދި ޑީއާރު ކޮންގޯ ހިމެނޭ ގްރޫޕް ކޭ އެއްވަނަ ހޯދުމަށް ރޮބާޓޯ މާޓިނޭޒްގެ ޓީމަށް ރޮނާލްޑޯގެ ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެއްކަމަށްވެސް އަލްމެއިޑާ ވަނީ ބުނެފައެވެ.

"މިހާރު އަހަރެމެންނަށް ރޮނާލްޑޯގެ ފަރާތުން އުމުރުން 20 ނުވަތަ 30 އަހަރުގައި ފެނުނު ފަދަ އަވަސް ކުޅުމެއް ނުފެނިދާނެ. އެކަމަކު އޭނާއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ. އޭނާގެ ތަޖުރިބާގެ ބޭނުންކޮށްގެން ކޮންމެ ވަގުތަކުވެސް ތަފާތު ދައްކާނެކަން ޔަގީން،"

އަލްމެއިޑާ އިތުރަށް ބުންޏެވެ.

ފްރާންސް، ސްޕެއިން، ޖަރުމަނުވިލާތް، ބްރެޒިލް އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ އެއް ސަފެއްގައި އަލްމެއިޑާ ވަނީ ޕޯޗުގަލް ހިމަނާފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މާޓިނޭޒްގެ އަތުގައި އޮތް ވަރުގަދަ ސްކޮޑާއެކު، ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުނަމަ ޕޯޗުގަލްއަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވެ.

"އުންމީދުތައް ވަރަށް މަތި. ޕޯޗުގަލްގެ ކުޅުންތެރިން ކުޅެނީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގައި. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް އަބަދުވެސް އެ ކުޅުންތެރިން ނޮމިނޭޓްވޭ. މިއީ ބޮޑު ޒިންމާއެއް،"

އަލްމެއިޑާ ފާހަގަކުރިއެވެ.

"ޕޯޗުގަލްއަކީ ތަށި ހޯދާނެ ކަމަށް ބެލެވޭ ޓީމެއް. އެކަމަކު އެހެން ވަރުގަދަ ޓީމުތައް ވެސް އެބަހުރި. ހުރިހާ ކަމެއްވެސް ބިނާވެފައި އޮތީ މުބާރާތާ ކުރިމަތިލާއިރު ކުޅުންތެރިންގެ ހާލަތުގެ މައްޗަށް. ދިގު ސީޒަނަކަށްފަހު ކުޅުންތެރިންގެ ނަފްސާނީ ހަމަޖެހުމާއި ޖިސްމާނީ ދުޅަހެޔޮކަން ވަރަށް މުހިންމު ވާނެ."

އަލްމެއިޑާ ބުނެފައިވެއެވެ.

ޓީމު ހޮވުމުގައި ގޮންސާލޯ ރާމޯސް ފަދަ ތަފާތު ކުޅުންތެރިން ތިބުމަކީ ބަހުސްތައް އުފެދޭ ކަމަކަށް ވިޔަސް، އަލްމެއިޑާ ގަބޫލުކުރާ ގޮތުގައި މާޓިނޭޒް ވަނީ ރޮނާލްޑޯއަށް އެހީތެރިވެދެވޭނެ ފަދަ ފުރިހަމަ ބެލެންސެއް ޓީމުގައި ގާއިމުކޮށްފައެވެ.

"ކޯޗަށް ވަރަށް ރަނގަޅަށް އެނގޭ އޭނާ ކުރަންވީ ކަންތައް. އޭނާ އަންނަނީ ވަރަށް ކުރިއްސުރެ މި މުބާރާތަށް ތައްޔާރުވަމުން. އޭނާ ޓީމަށް ނެގީ އެންމެ އިތުބާރު ހުރި ކުޅުންތެރިން. ޕޯޗުގަލްއަކީ ދުވަހަކުވެސް އެއް މަގާމެއްގައި ހަރުލާފައި ހުންނަ ފޯވާޑުންނާއެކު ކުޅޭ ޓީމެއް ނޫން. ގޮންސާލޯ ރާމޯސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، ރޮނާލްޑޯއަކީ ކޮންމެ ހިނދުކޮޅެއްގައިވެސް ތަފާތު ދައްކާނެ ކުޅުންތެރިއެއް،"

އަލްމެއިޑާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު