އާދިއްތަ, October 11
ޗެލްސީ ބަލިކޮށް އާސެނަލް ކަރަބާއޯ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި

އިނގިރޭސި ކަރަބާއޯ ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ޗެލްސީ ބަލިކޮށް، 2020 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި ކާމިޔާބުކުރުމާ ގާތަށް އާސެނަލް ޖެހިލައިފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗު އާސެނަލްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގުގައި 3-2 އިން ކުރީގައި އޮތް އާސެނަލްއަށް މި މެޗުގައި ކުރިހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކައި ހާވާޓްޒް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 97 ވަނަ މިނެޓުގައެވެ. ހާވާޓްޒް މި ލަނޑު ޖެހީ ޗެލްސީގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒް ކައިރިން ނައްޓާލުމަށްފަހުއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ޗެލްސީގެ ވަރުގަދަ ޑިފެންސުގެ ސަބަބުން ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއޯ ވަނީ މެޗުގެ 60 ވަނަ މިނެޓުގައި އެސްޓެވާއޯ އާއި ކޯލް ޕާމާ ކުޅެން އަރުވައި، އެޓީމުގެ އެޓޭކް ވަރުގަދަކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އާސެނަލްގެ ޑިފެންސުން ވަނީ ޗެލްސީގެ ހަމަލާތައް ހުއްޓުވާފައެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ އެގްރިގޭޓް 4-2 އިން ކުރިހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މިއީ 2018 ވަނަ އަހަރަށްފަހު އާސެނަލް ލީގު ކަޕްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އާސެނަލް އެންމެ ފަހުން ބޮޑު މުބާރާތެއްގެ ތަށި އުފުލާލީ 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކުރުމަށްފަހުއެވެ.

މިހާރު ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި އޮތް އަދި ތިން މުބާރާތެއްގައި ވާދަކުރަމުންދާ މިކޭލް އާޓެޓާގެ ޓީމު، އަންނަ މަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ސިޓީ ނުވަތަ ނިއުކާސަލް ޔުނައިޓެޑާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު