Saturday, November 14
ގޯލްޑަން ފުޓްސަލް ޗެލެންޖު : ރަށު ޓީމަށް ކުޅުމަށް ހުރަސްއަޅާތީ ކުޅުންތެރިންގެ ކަންބޮޑުވުން އިތުރުވެއްޖެ

ދިވެހިރާއްޖޭގައި ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ ކޮންމެ ކުޅުންތެރިއެއްގެވެސް އަމިއްލަވަންތަކަމާއި، ފަޚުރާއި ގުޅިފައިވާ ކަމެކެވެ. ވަކިން ހާއްސަކޮށް ރަށްރަށުގެ މެދުގައި ބާއްވާ މުބާރާތްތަކުގައި، އުފަން ރަށް ތަމްސީލުކުރުމަކީ ކުޅުންތެރިންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ. ނަމަވެސް، ރާއްޖޭގެ ބައެއް ޕްރޮފެޝަނަލް ކްލަބްތަކުން ކުޅުންތެރިން ރަށު ޓީމަށް ކުޅުމަށް ދޫނުކުރާ މައްސަލަ މިހާރު ވަނީ ބޮޑުވެފައެވެ.

އަދި ބައެއް ކްލަބްތަކުން ކުޅުންތެރިން ބޭނުންވާގޮތަށް މުބާރާތްތަކުގައި ކުޅުމަށް ރަށު ޓީމުތަކަށް ރިލީސް ދެމުންދާއިރު ، އަނެއްބައި ކްލަބްތަކުން އެެއްގޮތަކަށްވެސް ދޫނުކުރުމަކީ އިންސާފެއް ނޫންކަމަށް ބައެއް ކުޅުންތެރިން ދަނީ ފާހަގަކުރަމުންނެވެ.

މި މައްސަލަ އެންމެ ބޮޑަށް ފާހަގަވެފައިވަނީ މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައެވެ. ގިނަ ކުޅުންތެރިންތަކެއް އެ ކުޅުންތެރިންގެ އުފަން ރަށަށް ކުޅެން ބޭނުންވި ނަމަވެސް، ކްލަބްތަކުން ހުއްދަ ނުދިނުމުގެ ސަބަބުން އެ ފުރުސަތު ވަނީ ގެއްލިފައެވެ. މިއީ ކުޅުންތެރިންގެ އިތުރުން ރަށްރަށުގެ ޓީމުތަކާއި ސަޕޯޓަރުންގެ މެދުގައިވެސް ބޮޑު މާޔޫސްކަމެއް އުފެދިފައިވާ ކަމެކެވެ.

ރަށު ޓީމު ތަމްސީލުކުރުން: ގައުމީ ވާޖިބެއް ފަދަ ކަމެއް

ދިވެހި ކުޅުންތެރިންނަށް އަމިއްލަ ރަށް ތަމްސީލުކުރުމަކީ ގައުމީ ޓީމަށް ކުޅުން ފަދަ މުހިންމު ކަމެކެވެ. ގިނަ ކުޅުންތެރިންނަކީ ރަށު ފެންވަރުގެ މުބާރާތްތަކުން ކުރިއަރައި، ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު ޕްރޮފެޝަނަލް ފެންވަރަށް ދަތުރުކޮށްފައިވާ ކުޅުންތެރިންނެވެ. އެހެންކަމުން، ރަށުގެ ކުލަ ހުންނަ ޖާޒީއެއްގައި ކުޅުމަކީ އެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

ކްލަބްގެ ހައްގުތަކާއި ކުޅުންތެރިޔާގެ ޝައުގުވެރިކަން

ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަދޭތީ، އެ ކުޅުންތެރިންގެ މައްޗަށް ކްލަބްގެ އިހުތިޔާރު އޮންނާނެކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، ބައިނަލްއަގުވާމީ ފުޓުބޯޅައިގައިވެސް ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ދިން ނަމަވެސް، ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކުރެއެވެ. ރާއްޖޭގެ މާހައުލުގައި ރަށު ޓީމަށް ކުޅުމަކީ ގައުމީ ޓީމަށް ކުޅުން ފަދަ ކަމަކަށް ވާއިރު، މި ފުރުސަތު ބަންދުކުރުމަކީ އިންސާފެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު

ކުޅިވަރުގެ މާހިރުން ފާހަގަކުރާ ގޮތުގައި، ރަށު ޓީމަށް ކުޅުމަށް ހުރަސްއެޅުމަކީ ކުޅުންތެރިންގެ މޯޓިވޭޝަނާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. "އަމިއްލަ ރަށް ތަމްސީލުކުރުމަކީ ހަމައެކަނި އިހުތިޔާރެއް ނޫން، އެއީ ކުޅުންތެރިންގެ ހައްގެއް އަދި ހުވަފެނެއް،" ކަމަށް އޮބްޒާވަރަކު ފާހަގަކުރިއެވެ. މި ގުޅުން ކެނޑިގެން ދިއުމަކީ ފުޓުބޯޅައިގެ ރޫހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

މި މައްސަލައިގައި ކްލަބްތަކާއި، މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން އަދި ފުޓުބޯޅައިގެ އިދާރާތަކުން ލުއި ގޮތްތަކެއް ހޯދައިދިނުމަށް މިހާރު ދަނީ ގޮވާލަމުންނެވެ. ދިވެހި ފުޓުބޯޅައިގެ ބިންގަލަކީ ރަށްރަށުގެ މެދުގައި އޮންނަ ވާދަވެރިކަމާއި އެކުވެރިކަން ކަމަށްވާއިރު، މިކަމަށް ހުރަސްއެޅުމަކީ ދިގު މުއްދަތުގައި ކުޅިވަރަށް ކުރިއެރުމަށް އޮތް ގޮންޖެހުމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު