ސްކޮޓްލެންޑް 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ. މި ކާމިޔާބީ ހޯދާފައިވަނީ އަންގާރަ ދުވަހުގެ ރޭ ޑެންމާކް އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ހެމްޕްޑެން ޕާކްގައި ކުޅުނު މި މެޗުގައި ޑެންމާކުން ދެ ފަހަރަށް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، އިތުރު ވަގުތުގައި ކިއަރަން ޓިއާނީ އާއި ކެނީ މެކްލީން ޖެހި ދެ ލަނޑާއެކު ސްކޮޓްލެންޑުން ވަނީ އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތުގެ ޖާގަ ކަށަވަރުކޮށްފައެވެ. ސްޓީވް ކްލާކްގެ ޓީމަށް މި މެޗުން މޮޅުވުން ނޫން ގޮތެއް ނެތް ކަން އެނގިތިބެ، މެޗަށް ނުކުތީ ހޮނިހިރު ދުވަހު ގްރީސް އަތުން 3-2 އިން ބަލިވެފައި އޮއްވައެވެ. ނަމަވެސް ޑެންމާކް ބެލަރޫސް އަތުން އެއްވަރުވުމުގެ ސަބަބުން، މި ދެ ޓީމުގެ ދެމެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.
މެޗު ފެށިތާ ތިން މިނެޓު ތެރޭގައި ސްކޮޓްލެންޑަށް ލީޑު ނަގައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ. ބެން ޑޯކް ނަގައިދިން ހުރަހަކުން އޭނާ ވަނީ ފުރޮޅިލައިގެން މޮޅު ބައިސިކަލް ކިކަކުން ގޯލް ޖަހާފަައެވެ. ފުރަތަމަ ހާފުގައި ޑެންމާކްގެ ސްޓްރައިކަރ ރަސްމުސް ހޮއިލުންޑް ބައެއް ފުރުސަތުތައް ބޭކާރުކުރިއިރު، ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ވީއޭއާރު ބެލުމަށްފަހު އެންޑީ ރޮބަޓްސަން އޭރިއާތެރެއިން ގުސްތާވް އިސަކްސަންއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ހޮއިލުންޑް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ނަމަވެސް ޑެންމާކްގެ ރަސްމުސް ކްރިސްޓެންސަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން ސްކޮޓްލެންޑަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބުނެވެ. މެޗުގެ 78 ވަނަ މިނެޓުގައި ލޯރެންސް ޝޭންކްލެންޑް ވަނީ ލެވިސް ފާގަސަން ނަގައިދިން ކޯނަރަކުން ލަނޑު ޖަހައި ސްކޮޓްލެންޑަށް އަލުން ލީޑު ނަގައިދީފައެވެ. ނަމަވެސް ހަތަރު މިނެޓު ފަހުން ޕެޓްރިކް ޑޯގޫ ވަނީ ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށްފައެވެ. އެންމެ ފަހުން، އިތުރު ވަގުތުގެ ތިން މިނެޓު ތެރޭގައި ޓިއާނީ 20 ޔާޑު ބޭރުން ޖެހި މޮޅު ލަނޑަކުން ސްކޮޓްލެންޑްގެ ޖާގަ ކަށަވަރުކުރިއިރު، މެކްލީން ވަނީ މެޗުގެ އެންމެ ފަހު ކުޅުމުގައި ހަތަރުވަނަ ލަނޑު ޖަހައި މޮޅު ޔަގީންކޮށްފައެވެ.
ސްކޮޓްލެންޑުން 1974 އިން 1990 އާ ދެމެދު ޖެހިޖެހިގެން ފަސް ފަހަރު ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. އެންމެ ފަހުން ކޮލިފައިވީ 1998 ވަނަ އަހަރުގެ މުބާރާތަށެވެ. އެއަށްފަހު މިހާރު ކޮލިފައިވިއިރު، ސްކޮޓްލެންޑް މި ކާމިޔާބީ ހޯދީ އާދިއްތަ ދުވަހު 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި ނޯވޭގެ ފަހަތުންނެވެ. 2019 ވަނަ އަހަރު ކޯޗުގެ މަގާމާ ހަވާލުވި ކްލާކްގެ ކޮންޓްރޯލްގެ ދަށުން ސްކޮޓްލެންޑުން ވަނީ 2020 އަދި 2024 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ވެސް ކޮލިފައިވެފައެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޕްލޭ-އޮފް ސެމީ ފައިނަލުން ޔޫކްރޭން އަތުން ބަލިވެފައިވެއެވެ.







