ޑެނިއަލް ލެވީ ޓޮޓެންހަމްގެ ޗެއަރމަންކަމުން އިސްތިއުފާދީފައިވާ ކަމަށް ޓޮޓެންހަމް ކުލަބުން އިޢުލާންކޮށްފިއެވެ.
63 އަހަރުގެ ލެވީ އަކީ ޕްރިމިއަރ ލީގުގައގައި އެންމެ ދިގު މުއްދަތަކަށް ޗެއަރމަންކަން ކުރި ފަރާތެވެ. އޭނާ ވިދާޅުވީ ޓޮޓެންހަމްއަކީ މިހާރު "އެންމެ މަތީ ފަންތީގައި ވާދަކުރާ ދުނިޔޭގެ ފެންވަރުގެ ބާރުގަދަ ޓީމަކަށް" ވެފައިވާތީ އޭނާގެ މަޤާމުން ވަކިވުމަށް ނިންމީ ކަމަށެވެ.
ލެވީ ވިދާޅުވީ މިއީ ފަސޭހަ ދަތުރެއް ނޫން ކަމަށާއި، ނަމަވެސް ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި، ކުލަބަށް ތާއީދުކުރުން ފޯރިއާއެކު އަދިވެސް ކުރިއަށްގެންދާނެ ކަމަށެވެ.
ލެވީގެ ވަކިވުން އައިސްފައިވަނީ ޓޮޓެންހަމް އަށް ޓްރޮފީއެއް ނުލިބިދިޔަ 17 އަހަރުގެ ހިތި ތަޖުރިބާ ނިމުމަކަށް ގެނެސް، ޔޫރަޕާ ލީގު ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް އާ ކުޅެ 1-0 އިން ކާމިޔާބު ހޯދި ތާ މަދު މަސްތަކެއް ފަހުންނެވެ. މިއީ 2008 ގައި އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރި ފަހުން ސްޕަރސް ހޯދި ފުރަތަމަ މޭޖަރ މުބާރާތުގެ ޓްރޮފީއެވެ. އަދި 1984 ގައި ދެވަނަ ފަހަރަށް ޔޫއެފާ ކަޕް - މިހާރުގެ ޔޫރަޕާ ލީގާ އެއްފަދަ މުބާރާތެއް - ކާމިޔާބުކުރި ފަހުން ހޯދި ފުރަތަމަ ޔޫރަޕިއަން ކާމިޔާބެވެ.
ޓޮޓެންހަމްއިން ބުނީ ލެވީ ވަކިވުމާ ގުޅިގެން ކުލަބުގެ މިލްކުވެރިކަމަށް ނުވަތަ ހިއްސާދާރުންގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ރިޕޯޓުތަކުގައި ބުނާ ގޮތުން ލެވީއަކީ ކުލަބުގެ މެޖޯރިޓީ އޯނަރ އީއެންއައިސީގެ ހިއްސާގެ ރައުސުލްމާލުގެ ގާތްގަނޑަކަށް 30 އިންސައްތައިގެ ވެރިފަރާތެވެ.
ލެވީ ވަކިވުމާ ގުޅިގެން ޕީޓަރ ޗެރިންގްޓަން ވަނީ ނޮން-އެގްޒެކެޓިވް ޗެއަރމަންގެ މަޤާމާ ހަވާލުވެވަޑައިގެންފައެވެ. އަދި އޭނާ ވަނީ ލެވީ އާއި ލެވީގެ އާއިލާއަށް އެތައް އަހަރެއް ވަންދެން ކުލަބަށް ދެއްކެވި އިޚްލާޞްތެރިކަމާއި ވަފާތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން