ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ މުއައްސަސާގެ އެކި ބަހާތަކަށް ހުޅުވާލައިގެން ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ފެށި މި މުބާރާތުގެ މަޤުޞަދަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ކުޅިވަރުގެ ތެރެއިން ފުޓްސަލް ކުޅުމަށް ޝައުގުވެރިވާ ފުލުހުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ފުލުހުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި އެ މުވައްޒަފުންނަށް ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، ފުލުހުންނަކީ ދުޅަހެޔޮ ބަޔަކަށްވުމަށް ބާރު އެޅުމާއި މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ފޯރިއާއި ޖޯޝް ދެމެހެއްޓުމަށް މަސައްކަތްކުރުން ކަމަށެވެ.
ދެ ޑިވިޜަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޜަންގެ 32 ޓީމާއި އަންހެން ޑިވިޜަންގެ އަށް ޓީމާއެކު ޖުމްލަ 40 ޓީމަކުން މި ވާދަކުރެއެވެ.
މުބާރާތުގައި ރޭ ވަނީ ޖުމްލަ އަށް މެޗު ކުޅެފައެވެ. އެގޮތުން ފިރިހެން ޑިވިޜަންގައި 5 މެޗެއް ކުޅެފައިވާއިރު އަންހެން ޑިވިޜަންގެ 3 މެޗެއް ކުޅެފައިވެއެވެ. މި މުބާރާތުގައި މިރޭވެސް 8 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން