ފޯރިގަދަ ލީގު މެޗުތަކަށްފަހު މިލަންދޫ ކައުންސިލް ކަޕް 2025 ގެ ސެމީފައިނަލަށް ލިންކް ސްޕޯޓްސް، ކަލާފާނު އެފްސީ، ވޮލްކޯ ޔުނައިޓެޑު އަދި އީގަލްސް އިން ދަތުރުކޮށްފިއެވެ.
މި މުބާރާތުގެ ތިން މެޗެއް ރޭވެސް ކުރިއަށްގެންގޮސްފައިވާއިރު، ލިންކް ސްޕޯޓްސް އާއި ދަރަކަން އެފްސީ ބައްދަލުކުރި ފުރަތަމަ މެޗު 11-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިންކް ސްޕޯޓްސް އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 10، އަޔާޒު އަޙްމަދެވެ.

މީގެ އިތުރުން ރޭގެ ދެވަނަ މެޗުގައި ސިކްސްޕެކް އެސްސީ އާއި ވޮލްކޯ ޔުނައިޓެޑު ބައްދަލުކޮށް، 3-11 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ވޮލްކޯއިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވޮލްކޯގެ ޖާޒީ ނަންބަރު 17، ޢަލީ ޝިޔާހެވެ.

ލީގު މެޗުތަކުގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ޑޮމިނޭޓާސް އާއި ކަލާފާނު އެފްސީއެވެ. މި މެޗު 0-8 ގެ ނަތީޖާއަކުން ކަލާފާނު އެފްސީން ކާމިޔާބުކުރިއިރު، މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަންބަރު 19، އިސްމާޢީލް ފަޒީނެވެ.

ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މިލަންދޫ ކައުންސިލް ކަޕްގެ ލީގު މެޗުތައް ނިމުމާއެކު، ދެން ކުޅޭނީ ސެމީފައިނަލްގެ މެޗުތަކެވެ. މިގޮތުން ސެމީފައިނަލްގެ ދެ މެޗުއް ފެށޭނީ މާދަމާ ރޭ 8:30 ގައި މިލަންދޫ މާކޯ ސްޓޭޑިއަމްގައެވެ.
ފުރަތަމަ މެޗުގައި ލިންކް ސްޕޯޓްސް އާއި ކަލާފާނު އެފްސީން ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ވޮލްކޯ ޔުނައިޓެޑާއި އީގަލްސް އެވެ.
މާދަމާ ރޭގެ ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ދެ ޓީމު ދެން ބައްދަލުކުރާނީ މުބާރާތުގެ ފައިނަލުންނެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އެޕްރީލް 10 ވަނަ ދުވަހު އެވެ.
މި ލިޔުން ކިޔާލުމުން