ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މިލަންދޫ ކައުންސިލް ކަޕްގެ ރޭގެ ފުރަތަމަ ދެ މެޗު ވޮލްކޯ ޔުނައިޓެޑް އަދި ލިންކް ސްޕޯޓްސް އިން ކާމިޔާބުކުރިއިރު، ތިންވަނަ މެޗުން ޑޮމިނޭޓާސް އާއި ސިކްސްޕެކް އެސްސީން އެއްވަރުވެއްޖެއެވެ.
މި މުބާރާތުގެ ތިން މެޗެއް މިލަންދޫ މާކޯ ސްޓޭޑިއަމްގައި ރޭ ކުޅެފައިވެއެވެ. މިގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޮލްކޯ ޔުނައިޓެޑާއި އީގަލްސް އެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ވޮލްކޯ ޔުނައިޓެޑެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލްކޯ ޔުނައިޓެޑްގެ ޖާޒީ ނަންބަރު 17، ޢަލީ ޝިޔާހެވެ.

ދެވަނަ މެޗުގައި ލިންކް ސްޕޯޓްސް އާއި ކަލާފާނު އެފްސީ ބައްދަލުކޮށް، 11-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ލިންކް ސްޕޯޓްސް އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިންކް ސްޕޯޓްސްގެ ޖާޒީ ނަންބަރު 10، އަޔާޒު އަޙްމަދެވެ.

މީގެ އިތުރުން ރޭގެ ތިންވަނަ މެޗުގައި އީގަލްސް އާއި ޑޮމިނޭޓާސް ބައްދަލުކޮށް ފޯރިގަދަ ކުޅުމެއް ދެއްކުމަށްފަހު، 3-3 ގެ ނަތީޖާއިން ދެ ޓީމުވެސް އެއްވަރުވީއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިކްސްޕެކް އެސްސީގެ ޖާޒީ ނަންބަރު 2، މުޙައްމަދު އަރީފެވެ.

މި މުބާރާތުގެ ލީގު މެޗުތަކުގެ އެންމެ ފަހު ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭއެވެ. ދެން ކުރިއަށްދާނީ ސެމީފައިނަލް މެޗުތަކެވެ.
މިރޭގެ ފުރަތަމަ މެޗުގައި ލިންކް ސްޕޯޓްސް އަދި ދަރަކަން އެފްސީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ކުޅޭނީ ސިކްސްޕެކް އެސްސީ އާއި ވޮލްކޯ ޔުނައިޓެޑެވެ. ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޑޮމިނޭޓާސް އާއި ކަލާފާނު އެފްސީއެވެ.
މިލަންދޫ ކައުންސިލް ކަޕް 2025 ގެ މެޗުތައް މާރިޗު 31 އިން އޭޕްރީލް 10 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން