ށ. މިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "މިލަންދޫ ކައުންސިލް ކަޕް 2025" މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިލަންދޫ ކައުންސިލުން "ސަބަބު" އަށް މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު އޮންނާނީ މިރޭ 8:15 ގައި މިލަންދޫ މާކޯ ސްޓޭޑިއަމްގައެވެ.
މީގެ އިތުރުން މުބާރާތުގެ ފުރަތަމަ މެޗު ފަށާނީ މިރޭ 9:00 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ސިކްސްޕެކް އެސްސީ އާއި އީގަލްސް އެވެ. މިރޭ 10:00 ގައި ބާއްވާ މުބާރާތުގެ ދެވަނަ މެޗުގައި ޑޮމިނޭޓާސް އާއި ދަރަކަން އެފްސީން ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ކަލާފާނު އެފްސީ އާއި ވޮލްކޯ ޔުނައިޓެޑެވެ.
މާރިޗު 31 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. މި މުބާރާތުގައި ޖުމުލަ 24 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މެޗުތަކުން ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާނެއެވެ.
މިލަންދޫ ކައުންސިލުން ވަނީ މުބާރާތުގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި މާކޯ ސްޓޭޑިއަމް ސަރަހައްދުގެ މަގުތަކުގައި ހެދިފައިވާ ޕާކިންގ ޒޯނުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ވަހިކަލް ޕާކުކުރުން މަނާކޮށްފައެވެ.
ފިޠުރު ޢީދާ ދިމާކޮށް މިލަންދޫ ކައުންސިލުން ރާވައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ބެލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއް މީހުން ވަނީ މިލަންދޫއަށް ގޮސްފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް މިލަންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން