Saturday, October 31
ފުޓްބޯޅަ ކޯޗު އިހްސާން ނިޔާވެއްޖެ

ދިވެހި ފުޓްބޯޅައަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) ނިޔާވެއްޖެއެވެ. ސާންތީ ނިޔަވީ ކެންސަރު ބައްޔަށް ފަރުވާކުރައްވަމުން ގެންދަވާތާ ދޮޅު އަހަރެއްހާ ދުވަހަށް ފަހު މިރޭ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ.

ކޯޗު އިހުސާންއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޯޗެވެ. އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އަދާކުރެއްވި މުހިންމު ދައުރެވެ.

ކޯޗު އިހުސާންގެ ކާމިޔާބު ކެރިއަރުގައި، ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވައި، އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވިއެވެ. މީގެ އިތުރުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމާއި، ޤައުމީ ކުޅިވަރު މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވެއެވެ.

2023 ވަނަ އަހަރު ސާންތީގެ ބަލިޙާލަތު ގޯސްވުމާ ގުޅިގެން ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވެ އޭގެފަހުން ރަސްމީ މަގާމެއްގައި މަސައްކަތް ނުކުރެއްވި ނަމަވެސް، ދާދި ފަހުން ބޭއްވުނު އެފްއޭއެމް ޔޫތު ލީގުގެ ޑިރެކްޓަރުކަން އަދާކުރެއްވުމާއެކު، މިދިޔަ އަހަރު 16 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކޯޗިން ސްޓާފަށްވެސް ސާންތީވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ޤައުމީ ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަކީ ސާންތީ އީގަލްސް ކްލަބްގައި ބިނާކުރެއްވި ވަރުގަދަ ޓީމުގެ މެންބަރުންނެވެ.

ކޯޗިންގ ދާއިރާގައި ސާންތީ ފާހަގަކުރެވިފައިވަނީ ޒުވާން ކުޅުންތެރިންނަށް ޚާއްޞަ އިތުބާރެއް ކުރައްވާ، ހުނަރުވެރި ކޯޗެއްގެ ގޮތުގައެވެ.

ކޯޗު އިހުސާންގެ ހުނަރާއި ތަޖުރިބާ ދިވެހި ފުޓްބޯޅައިގެ ކުރިމަގު އުޖާލާކުރުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދީފައެވެ. އަދި މިއީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފަވާލެވޭނެ ހަނދާންނުނެތޭނެ ކޯޗެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު