މިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "މިލަންދޫ ކައުންސިލް ކަޕް 2025" ގައި ބައިވެރިވުމަށް ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ދެ ކުޅުންތެރިން ކަމަށްވާ އަޔާޒް އަޙްމަދު (އަޔާ) އަދި ޙުސައިން ސަރީފް (އޮންލީ)، ލިންކް ސްޕޯޓްސް އަށް ސޮއިކޮށްފިއެވެ.
ފިތުރު އީދު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިން ބައިވެރިވާ، ރާއްޖޭގައި ފާހަގަކޮށްލެވޭ ވަރުގަދަ މުބާރާތެކެވެ. މި މުބާރާތުގައި ކުޅޭނީ މިލަންދޫއަށް ނިސްބަތްވާ ޓީމުތަކެވެ. ނަމަވެސް، ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ކައުންސިލުން ދީފައިވެއެވެ.
މިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މި ފަހަރުގެ މުބާރާތުގައި ޖުމުލަ ހަތް ޓީމަކުން ބައިވެރިވެއެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުއެވެ. ކޮންމެ ޓީމެއްވެސް ހުރިހާ ޓީމަކާ ކުޅެ، އެންމެ މަތިން ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 2025 އޭޕްރީލް 11 ވަނަ ދުވަހުގެ ރޭއެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
މި މުބާރާތަކީ މިލަންދޫގެ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް މިލަންދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ އާތިފް ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތްތަކުން ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިވެ، ރަށުގެ ތަރައްޤީއަށް ވެސް ފައިދާކުރާނެ ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން