ޔޫ.އޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އިން ހަނި މޮޅެއް ހޯދައިފިއެވެ.
ވާދަވެރި އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ރޭ ކުޅުނު ފުރަތަމަ ލެގުގެ ''މެޑްރިޑް ޑާބީ'' މެޗް ރެއާލް މެޑްރިޑް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެއެވެ.
ރެއާލް މެޑްރިޑް ގެ ސެންޓިއާގޯ ބާނަބެއު ދަނޑުގައި ކުޅުނު މި ފޯރި ގަދަ މެޗް ރެއާލް އިން ފެށީވެސް ގޯލް އަކުންނެއެވެ.މެޗުގެ 04 ވަނަ މިނިޓުގައި ރެއާލް އަށް މި ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ އެވެ.އެތްލެޓިކޯ އަށް މެޗުގެ ނަތީޖާ ހަމަ ކޮށްދިން ގޯލް ޖަހައިދދިނީ އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.މި އީ ރެއާލް ގެ ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށް ފަހު އޭރިއާ ބޭރުން ކާމިޔާބު ކޮށްދިން ރީތި ހިތްގައިމު ގޯލެއެކެވެ.އަދި މި ސީޒަނުގައި އަލްވަރޭޒް އެތްލެޓިކޯ އަށް ކާމިޔާބު ކޮށްދިން 22 ވަނަ ގޯލް އެވެ.މީގެ ތެރެއިން 7 ގޯލް ޖަހާފައި ވަނީ ޗެމްޕިއަންސް ލީގުގައެވެ.މި ގޯލް އާއި އެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެއެވެ.
ދެވަނަ ހާފް ފެށިގެން 55 ވަނަ މިނިޓުގައި ރެއާލް އަށް ދެވަނަ ފަހަރަށް ލީޑު ނަގައި ދިނީ އެ ޓީމުގެ މޮރޮކޯ ފޯވާޑް ބްރާހިމް އަބްދުލް ގާދިރު ދިއާޒް އެވެ.މި ނަތީޖާ އާއި އެކު މި މަހު 13 ވަނަ ދުވަހު އެތްލެޓިކޯގެ ރިޔާދް އެއަރ މެޓްރޮޕޮލިޓާނޯ ދަނޑުގައި އެ ޓީމް އާއި ދެކޮޅަށް ނުކުންނަ އިރު، ރެއާލް އަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބިފައެވެ.ނަމަވެސް، މި ބުރުގެ ނަތީޖާ ނެރެން ބާކީ އޮތް 90 މިނިޓް އަކީ ވަރަށް އުނދަގޫ ވަގުތަކަށް ވާނެ ކަމަށް ރެއާލް މެޑްރިޑް ގެ ކޯޗު އެންޗެލޯޓީ ވަނީ މެޗަށް ފަހު ބުނެފައެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ފްރާންސްގެ ލިލް ވަނީ ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އާއި އެއްވަރު ކޮށްފައެވެ.އިނގިރޭސި ވިލާތުގެ އެސްޓަން ވިލާ އިން ވަނީ ރަށުން ބޭރުގައި ބެލްޖިއަމް ގެ ބްރޫޙާ 3-1 ގެ ނަތީޖާ އަކުން ބަލި ކޮށް ކުއާޓަރ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައެވެ.
މި ލިޔުން ކިޔާލުމުން