މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަރޑް މާކަސް ރަޝްފޯޑު، ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަންވިލާ އަށް ބަދަލު ވެއްޖެއެވެ.
މެންޗެސްޓާގެ މިހާރުގެ ކޯޗު ރުބެން އަމޯރިމް އާއި މައްސަލަޖެހި އުމުރުން 27 އަހަރުގެ ފޯވާޑަށް މި ދިޔަ ޑިސެމްބަރުގެ ފަހުން ޓީމުން ފުރުސަތު ދީފައި ނުވެއެވެ. މިހާތަނަށް ރަޝްފޯޑްވަނީ 440 މެޗުގައި ޔުނައިޓެޑަށް 133 ގޯލު ޖަހާދީފަ އެވެ.
ހަފްތާއަކު 325،000 ޕައުންޑް މުސާރައިގެ ގޮތުގަ ލިބޭ ރަޝްފޯޑް ހިމެނިފައިވަނީ ޔުނައިޓެޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިންގެ ތެރޭގައެވެ. ލޯން މުއްދަތުގައި މުސާރައިގެ ފަންސާސް އިން ސައްތަ ދޭނީ ޔުނައިޓެޑް އިންނެވެ.
އުނައި އެމްރީގެ ކޯޗުކަމުގައި ކުޅެމުން އަންނަ އެސްޓަންވިލާ އިން ވަނީ ރަޝްފޯޑްގެ އިތުރުން ޕީ.އެސް.ޖީ އަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް މާކޯ އަސެންސިއޯވެސް ލޯނު އެއްބަސްވުމެއްގެ ދަށުން ހޯދާފައެވެ.
ރެއާލް މެޑްރިޑުން ކުޅުން ފެށި އުމުރުން 29 ގެ އަސެންސިއޯއަށް މިދިޔަ ސީޒަނުގައި ޕީ.އެސް.ޖީއަށް ބަދަލުވުމަށްފަހު އެންމެ އެދެވޭ ކުޅުމެއް ދެއްކިފަ އެއްނުވެ އެވެ.
ކުޅުނު 41 މެޗުގައި ޕީ.އެސް.ޖީ އަށް އޭނާއަށް ކާމިޔާބު ކޮށްދެވިފައި ވަނީ އެންމެ 6 ގޯލެވެ. ލޯނު މުއްދަތުގައި އަސެންސިއޯގެ މުސާރަ އެކީ ދޭނީ ވިލާއިން ކަމަށް ބެލެވެ އެވެ.
ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގެ ގަދަ 8 ގައި ހިމެނުނު ޓީމު ދެވަނަ ބުރަށް ވަރުގަދަ ކުރުމުގެ ގޮތުން މި ދެކުޅުންތެރިންގެ ސޮއި ހޯދި އިރު އެޓީމުގެ ފޯވަރޑަކަށް ކުޅެމުން ދިޔަ ކޮލަމްބިއާގެ ޖޯން ޑުރާން ވަނީ ޓީމް ދޫކޮށް ގޮސްފަ އެވެ.ޑުރާންގެ ސޮއި ހޯދީ ސައުދީގެ އަލް ހިލާލް އިންނެވެ.
މި ލިޔުން ކިޔާލުމުން