ފަހުގެ ތާރިހެއްގައި އާޖެންޓީނާ އަށް ވޯލްޑް ކަޕް ހޯދައިދިނުމަށް އެހީވެދިން އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު ގޯލު ކީޕަރު އެމިލިއާނޯ މާޓިނޭޒް "އެލް ޑިބޫ" އޭ ބުނުމުން ނޭނގޭނެ ވަރަށް މަދު ބަޔަކު ނޫނީ މިހާރު ނުތިބޭނެ އެވެ.
މި ލިޔުމުގައި މި އަލި އަޅުވާލަނީ އެމިލިއާނޯ މާޓިނޭޒްގެ ފުޓުބޯޅަ އަދި އަމިއްލަ ދިރިއުޅުމުގެ މައްޗަށެވެ.
2017 ވަނަ އަހަރު ބްރެޒިލަށް ނިސްބަތްވާ އަމަންޑާ ގާމާއާ ކައިވެނީގެ ގޮތުން ގުޅި ދެކުދިން ލިބިފައިވާ އެމިލިއާނޯ މާޓިނޭޒް، ގިނަ ބަޔަކަށް އިނގެނީ އެ ނަމުން ކަމުގައިވިޔަސް ގާތް ރަށްޓެހިންނާއި، އާއިލާއަށް އެއީ "އެލް ޑިބޫ" އެވެ. މި ނަމަކީ އޭނާ ކުޑައިރު ބެލި އާޖެންޓީނާގެ ޓީވީ ސިލްސިލާއެއްގެ އެނިމޭޓެޑް ކެރެކްޓާއަކާ ގުޅިގެން ދެވުނު ނަމެކެވެ.
ފުޓްބޯޅަ ކެރިއަރުގެ ކުރީކޮޅު މާޓިނޭޒް ހޭދަކުރީ ވަރަށް އުނދަގޫ ނަަމަވެސް ތަޖުރިބާތަށް ލިބުނު އަހަރު ތަކެކެވެ.
1992 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އާޖެންޓީނާގެ މާޑެލް ޕްލާޓާއަށް އުފަން އެމިލިއާނޯ މާޓިނޭޒް، ޕްރޮފެޝަނަލް ފުޓުބޯޅަ ހަޔާތް ފެށީ 2010 ވަނަ އަހަރު އެވެ. އޭރުގައި މާޓިނޭޒްގެ ކޮއްކޮ އަލެޖަންޑްރޯ އަކީ ވެސް ފުޓުބޯޅަ ކުޅުންތެރިއެކެވެ.
މާޓިނޭޒްގެ ފުޓްބޯޅަ ހަޔާތް ފެށުނީ ޒުވާން އުމުރުގައި އޭނާގެ އުފަން ރަށުގެ ކްލަބެއް ކަމަށްވާ އިންޑިޕެންޑިއެންޓޭ އިންނެވެ. އޭނާގެ ހުނަރުވެރިކަން އިނގިރޭސި ވިލާތުގެ މަޝްހޫރު ކްލަބް އާސެނަލްގެ ލޮލުގައި އަޅައިގަތީ ވެސް އެ ދުވަސްވަރު އެވެ. އެހިސާބުން އާސެނަލް އިން، މާޓިނޭޒް އެ ކުލަބަށް ގެންދިޔަ އެވެ. ނަމަވެސް އޭރުގައި އުމުރުން އެންމެ 18 އަހަރުގެ މާޓިނޭޒް، ޒުވާން އުމުރުގެ ސަބަބުން ވަނީ އޮކްސްފޯޑް ޔުނައިޓެޑް، ޝެފީލްޑް ބުދަ، ރޮދަހަމް ޔުނައިޓެޑް، ވޮލްވާހެމްޕްޓަން ވޮންޑާސް، ގެޓާފޭ އަދި ރީޑިން ފަދަ އިނގިރޭސި އަދި ސްޕެއިންގެ އެކި ކްލަބްތަކަށް ލޯނުގެ ގޮތުގައި ގޮސް ތަޖުރިބާ ހޯދުމުގައި އެތައް އަހަރެއް ހޭދަކޮށްފަ އެވެ.
ލޯނުގެ ގޮތުގައި ކުލަބް ތަކުގައި ހޭދަކުރި އަހަރުތަކުގައި "އެލް ޑިބޫ" ވަނީ އޭނާގެ ހުނަރު ދައްކުވައިދީ އޭނާގެ ކުރިއަރަމުން އަންނަ ގާބިލްކަން ދައްކުވައިދީފަ އެވެ. އެގޮތުން 2012 ވަނަ އަހަރު ގައި އަނެއްކާވެސް އާސެނަލް އާއި ގުޅި، އޭނާ ވަނީ އެ އަހަރު ލީގު ކަޕްގައި ކޮވެންޓްރީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި 6-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވުމުގެ އިސް ދައުރެއް އަދާކޮށްދީފަ އެވެ. އަދި 2014 ވަނަ އަހަރު އާސެނަލްގެ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްދިނުމުގައި ވެސް ބޮޑު ދައުރެއް އަދާކޮށް ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގަށް ތައާރަފުވެފަ އެވެ. އެ ފުރުޞަތުތަކާއެކުވެސް، މާޓިނޭޒްގެ ކުރިއެރުމަށްޓަކައި، އިތުރު ކުލަބު ތަކާއި ލޯނުގެ ގޮތުގައި ގުޅި، ތަޖުރިބާ ހޯދަން މަސައްކަތް ކޮށްފައި ވެއެވެ.
އާސެނަލާއެކު އަދި ލޯނުގެ ގޮތުގައި އެކި ކުލަބު ތަކުގައި އެތަށް އަހަރެއް ވަންދެން މާބޮޑު ކާމިޔާބީއެއް ނުލިބު ކުޅުމަށްފަހު، 2020 ވަނަ އަހަރު މާޓިނޭޒް އެސްޓަން ވިލާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. އެ ކުލަބަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ޕެނަލްޓީއެއް ސަލާމަތްކޮށް، ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކްލީން ޝީޓް ހޯދައި، އޭނާގެ ފުރަތަމަ މެޗުންވެސް ވަނީ މޮޅުވެފަ އެވެ. ފުރަތަމަ ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް 2027 ހަމައަށް އިތުރުކޮށް، އެ ޓީމުގެ ވައިސް ކެޕްޓަނުންގެ ތެރޭގައި އޭނާވަނީ ހިމެނިފަ އެވެ.
މިހާރު މާޓިނޭޒް އަކީ އެސްޓަން ވިލާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.
އާޖެންޓީނާގެ ގައުމީ ޓީމާއެކު މާޓިނޭޒްގެ ބައިނަލްއަގުވާމީ ކެރިއަރު ފެށުނީ 2011 ވަނަ އަހަރު ނަމަވެސް ވޯލްޑް ކަޕްގެ މެޗުތަކުގައި ރަސްމީކޮށް ކުޅެން 2021 ވަނަ އަހަރާ ހަމައަށް މަޑުކުރަން ޖެހުނެވެ. 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި އޭނާ ދެއްކި ކުޅުމަކީ ވަރަށް މުހިންމު މޮޅު ކުޅުމެކެވެ. ހާއްސަކޮށް ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގައި ތިން ޕެނަލްޓީ ސަލާމަތްކޮށް، ބްރެޒިލްއާ ދެކޮޅަށް ކުޅުނު ފައިނަލުގައި އާޖެންޓީނާ ގެ ކާމިޔާބީ އަށް އެހީތެރިވެދީ ގޯލްޑަން ގްލޯވް އެވޯޑް އޭނާ ވަނީ ހޯދާފައެވެ.
ޖެހިގެން އައި އަހަރު ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގައި މާޓިނޭޒް ވަނީ އާޖެންޓީނާ ވޯލްޑް ކަޕް އިން މޮޅުކޮށްދިނުމުގައި މުހިންމު ޕެނަލްޓީތައް ސަލާމަތްކޮށް އެންމެ ބޮޑު އެއް ރޯލު އަދާކޮށްދީފަ އެވެ. އަދި ޖެހިޖެހިގެން ދެ ފަހަރަށް ގޯލްޑަން ގްލޯވް އަދި އެންމެ މޮޅު ފީފާ ފިރިހެން ގޯލްކީޕަރުގެ އެވޯޑް ވެސް މާޓިނޭޒް ވަނީ ހޯދައިފަ އެވެ.
ކެތްތެރިކަމާއި ބުރަ މަސައްކަތުން، ކާމިޔާބީ އަދި ހުވަފެން ހަގީގަތަކަށް ހެދޭނެކަން މާޓިނޭޒް މިވަނީ ސާބިތުކޮށް ދީފައެވެ. މިހާރު އެނާއަކީ އެތަށް ޒުވާން ގޯލު ކީޕަރުންގެ "ރޯލް މޮޑެލް" އެކެވެ. އަދި އެނާގެ ގައުމުގެ "ހީރޯ" އެކެވެ.
މި ލިޔުން ކިޔާލުމުން