Saturday, November 14
ގައުމީ ތަރައްގީގެ ޕްލޭން ، މުސްތަގްބަލަށް އެޅޭ މުހިންމު ފިޔަވަޅެއް

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ވޭތުވެދިޔަ 15 ވަރަކަށް އަހަރުތެރޭގައި ތަފާތު ގިނަބަދަލުތަކެއް އައިތަން މިވަނީ ފެނިގެން ގޮސްފައެވެ. އާ ގާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތުގެ ކަންކަން ތަރުތީބުވެ ހިނގަން ފެށިއިރު ޑިމޮކްރަސީގެ މަގުން ހިނގުން ނޫން ގޮތެއް ދުސްތޫރުގައި މިހާރު  ފެންނާކަށް ނެތެވެ.

އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެވޭ ގޮތަށް ގިނަ ކަންކަން ރަނގަޅަށް އޮތް ވެރިކަމުގެ ނިޒާމުން ދިވެހިންނަށް ލިބޭ އެންމެ ފޮނި އެއް މޭވާ އަކީ ދެ ފުށް ފެންނަ ހަރުދަނާ އިންތިހާބީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ރައްޔިތުންގެ ކިބައިން ފެށޭ ބާރުވެރިކަން ދެމި އެބައޮތްކަން އިހުސާސް ކުރެވޭ މި ނިޒާމުން ގައުމުގެ ހުންގާނު ރައްޔިތުން މި ދަނީ އެކި އިރު އެކި މީހުންނާ ހަވާލުކުރަމުންނެވެ. ބަދަލުގައި ރައްޔިތުން އެދޭހާވެސް ކަމަކީ ގައުމަށް އިތުރު ކުރިއެރުމާ ތަރައްގީ ގެނައުމެވެ.

ނަމަވެސް 2009 ގެ ފަހުން މިހާތަނަށް 05 ރައީސަކު ފެނުނުއިރު އަދިވެސް ތަރައްގީގެ މިސްރާބު ރައްޔިތުން އެންމެ  އެދޭ ގޮތަށް ވަނީ  ފަހިނުވެއެވެ. މިދިޔަތަނުގައި ދިގުރާސްތާ ތަރައްގީއަށް އަމާޒުކޮށް މުސްތަގްބަލަށް ކަންކަން ރާވާ ތަންފީޒުކުރާ މަންޒަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ފެނުން މަދެވެ. އޭގެ ބަދަލުގައި އިގްތިސާދަށާއި ތަރައްގީއަށް އޮންނަ ޕްލޭން ކޮންމެ ފަސްއަހަރަކުން މިދަނީ ބަދަލުވަމުންނެވެ. އަލަށް ވެރިކަމަށް އަންނަން މަސައްކަތްކުރާ ކޮންމެ ބަޔަކު ކުރިން އޮންނަ ތަރައްގީގެ ހިޔާލާ ޕްލޭން ބަދަލުކޮށް އައު ހިޔާލުތަކެއް އަބަދު ރައްޔިތުންނަށް ހުށަހަޅަ އެވެ.

މިހެން ދިމާވާންޖެހޭ ސަބަބެއްކަމަށް ފެންނަނީ ކޮންމެ ފަސް އަހަރަކުން ބާއްވަމުން އަންނަ އިންތިހާބުތައް ކާމިޔާބުކުރުމަށް ވާންޖެހޭ ވައުދުތައް ގިނަކަމުންނެވެ. އިގްތިސާދަށާއި ތަރައްގީއަށް ކުރިން އޮންނަ ޕްލޭން ކޮންމެ ފަސްއަހަރަކުން ބަދަލުނުކޮށް އިންތިހާބުތައް ކާމިޔާބުކުރުމަށް ދަތިވާނެކަމަށް ސިޔާސީ ޕާޓީތަކަށް ގަބޫލުކުރެވެނީ ކަމަށްވެސް ވެދާނެއެވެ.

އެހެންކަމުން އަލަށް ވެރިކަމަށް އަންނަން މަސައްކަތްކުރާ ކޮންމެ ބަޔަކު ކުރިން އޮންނަ ތަރައްގީގެ ހިޔާލާ ޕްލޭން ބަދަލުކޮށް އައު ހިޔާލުތަކެއް ރައްޔިތުންނަށް ދަނީ ހުށައަޅަމުންނެވެ. ކަން މިހެންވުމުން ނުކުންނަ މައްސަލަތައް ވަރަށް ބައިވަރެވެ. ފާއިސާގެ ދަތިކަން އަބަދު އޮންނަ ދައުލަތުގެ ބަޖެޓުން ކުރެވޭ ހޭދަތައް ބޭކާރުވާތަން ގިނަފަހަރު ދިމާވެއެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި  ވޯޓު ހޯދުމަށް ބޭނުންކުރާ އެންމެ ބޮޑު އެއް ވަސީލަތަކީ ވެސް މި ދެންނެވި އައު ހިޔާލުތަކެވެ. އެހެންކަމުން އާހިރު ނަތީޖާ އަކީ ތަރައްގީގެ ކަންކަން ކޮންމެ ފަސްއަހަރަކުން އެއްފަހަރު އަލުން ފަށަންޖެހުމެވެ. މުޅިން އައު ހިޔާލުތަކެއް ނެތީ ނަމަ ވޯޓު ދީފާނެ ބަޔަކު ނެތީ ކަހަލައެވެ. ކުރިން ކުރަމުން އައި ކަމެއް އިތުރު ހަރުފަތަކަށް ގެނައުމުގެ ވިސްނުން ސަރުކާރު ތަކުގައި މަދުވަނީ މި ސަބަބާ ގުޅިގެންކަމަށް ވެސް ވެދާނެ އެވެ. އަދި ކޮންމެ ބަޔަކު ވެރިކަމުގައި ތިބިނަމަވެސް ތަބާވާންޖެހޭ ފަދަ ގައުމީ ތަރައްގީގެ ޕްލޭނެއް އެކަށައެޅިފައި ނެތުމަކީވެސް މީގެ އެއް  ސަބަބު ކަމަށް ވެދާނެއެވެ.

މިކަމަށް ނިމުން ގެނައުމަށް މި ސަރުކާރުގެ ރިޔާސީ އިންތިހާބުގެ  މެނިފެސްޓޯގައި 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ހިމަނާފައިވެ އެވެ. އަދި ކުރިއަށް އޮތް އެއް އަހަރު ދުވަސް ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާ ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި ވަނީ ނިންމަވާފަ އެވެ. އަދި މަޖިލިސް ސުޕަރ މެޖޯރިޓީ އޮތް މި ސަރުކާރުން މި ކަމަށް ހާއްސަ ޤާނޫނެއް ފާސްކޮށް ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދޭނެކަމަށް ރައީސް ވަނީ ވިދާޅުފައެވެ.

ފަސޭހަކޮށް ބަދަލުނުވާގޮތަށް އޮންނަ ދިގު ރާސްތާ މިފަދަ ޕްލޭނެއް ރާއްޖޭގައި އޮތުމަކީ ކޮންމެހެން މުހިންމުކަމެކެވެ. ދިހަ އަހަރު ފަހުން ނުވަތަ ވިހި އަހަރު ފަހުން ހާސިލުކުރުމަށް އަމާޒުހިފާ ކަންކަމަކީ ކޮބައިކަން ލިޔެވި އެ މަގަށް މަސައްކަތް އަމާޒުކުރުމުން އެކަންކަން ހާސިލުވާން ފަސޭހަވާނެއެވެ. އިގްތިސާދު ކުރިއެރުވުމަށް ތަރައްގީކުރާނެ ދާއިރާތަކަކީ ކޮބައިކަން ކަނޑައެޅި އަހަރުން އަހަރަށް އެމަސައްކަތް ކުރުމުން ލިބޭނެ ކުރިއެރުން ގިނަވާނެ އެވެ.

މީގެ ކުރިން މިފަދަ ޕްލޭނެއް ރާއްޖޭގައި އެކުލެވިފައިވަނީ މީގެ 25 އަހަރު ކުރިންނެވެ. 1999 ވަނަ އަހަރު ރާއްޖޭގެ 34 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އޭރުގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް 2020 ވަނަ އަހަރު ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރެއް ބަޔާންކޮށްދެއްވި އެވެ.

އަދި އެ ތަސައްވުރުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޓާސްކް ފޯހެއް އެމަނިކުފާނު އެކުލަވާލެއްވި އެވެ. އެ ޓާސްކް ފޯހުން ވަނީ 2020 ގެ ތަސައްވުރު ހާސިލްކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތައް ހިމެނޭ، "2020 ގެ ތަސައްވުރު - ދާއިރާތަކުގެ މާރެސް" މި ނަމުގައި ފޮތެއް ތައްޔާރުކޮށްފަ އެވެ.

އެ މަނިކްފާނުގެ ވެރިކަމުގައި ދެންނެވުނު ތަރައްގިގެ ޕްލޭނަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ، އޭގެ 10 އަހަރު ފަހުން އެމަނިކްފާނުގެ ވެރިކަން ނިމުމުން ފަހުން އައި ރައީސުން އެކަމަށް އެއްވެސް އިސްކަމެއް ދެއްވާފަ އޮތްކަން އެނގޭކަށް ނެތެވެ. ސަބަބެއްކަމަށް ފެންނަނީ ރައީސް މައުމޫންގެ 2020 ގެ ތަސައްވުރަށް އެއްވެސް ގާނޫނީ ބާރުވެރިކަމެއް ލިބިފައިނެތީމައެވެ.

ގާނޫނީ ބާރުވެރިކަމާ އެކު ހެދިފައިވާ ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމުގެ މުހިންމު ކަމުގެ ވާހަކައަކީ އަބަދުވެސް ސިޔާސީ މަޝްރަހުގައި ބަހުސްކުރެވޭ  ވާހަކައެކެވެ. ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް "ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ބިލު" ގެ ނަމުގައި ބިލެއް  މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި އެވެ.  އެ ބިލުގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ހިންގާނެ ނިޒާމާއި، ކޮންމެ ސަރުކާރަކުން އެ ޕްލޭން ތަންފީޒުކުރަން އެކުލަވާލާ ފަސް އަހަރު ދައުރުގެ ޕްލޭނާ ގުޅޭ އުސޫލުތައް ހިމަނާފައިވެ އެވެ.

ނަމަވެސް އޭރު އެމްޑީޕީ މެޖޯރިޓީއޮތް މަޖިލީހުން  މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި ބިލު ކުރިއަށް ގެންގޮސްފައިނުވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު