Saturday, November 14
ދިވެހި ބަސް ؛ ޤައުމުގެ އެއްބައިވަންތަކަމުގެ ރަމްޒު

ބަހަކީ ޤައުމެއްގެ ފުރާނައެވެ. އެއީ އެއް ޖީލުން އަނެއް ޖީލަށް ސަގާފަތާއި ތާރީޚާއި އެބައެއްގެ ހައިސިއްޔަތު ފޯރުކޮށްދޭ އުޅަނދެވެ. ދުނިޔޭގައި ކޮންމެ އަހަރަކު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް ހާއްޞަކޮށްފައި ވަނީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައެވެ.އެހެންކަމުން މިއަދުގެ ތާރީޚް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން މިދަނީ އެބައެއްގެ "މާދަރީ ބަސް" ދުވަހުގެ ގޮތުގައެވެ.

މިއީ އަޅުގަނޑުމެންގެ މާދަރީ ބަސް ރައްކާތެރިކޮށް ކުރިއެރުވުމުގެ މުހިންމުކަން ހަނދާންކޮށް ، ދިވެހި ބަސް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އަޒުމް ވަރުގަދަ ކުރަންވީ މުނާސަބަތެކެވެ.

ދިވެހި ޤައުމުގެ ނަޒަރުގައި ދިވެހި ބަހަކީ ހަމައެކަނި މުވާސަލާތީ ވަސީލަތެއް ނޫނެވެ. އެއީ ޤައުމުގެ ހިތުގެ ތެޅުމެވެ.އަދި މިޤައުމުގައި ދެމިއޮތް އެއްބައިވަންތަކަމުގެ ރަމްޒެވެ.ޤައުމެއްގައި ބަހަކީ ހަމައެކަނި މުވާސަލާތު ކުރުމުގެ ވަސީލަތަކަށްވުރެ މާ ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. އެއީ ޤައުމުގެ ހަޔާތުގައި ހުރި ހަނދާންތައް ފަހުގެ ޒަމާންތަކަށް ކިޔައިދޭ ބައިވެރިޔާއެވެ.

ދިވެހި ބަސް ވެފައިވަނީ ރާއްޖޭގެ ޤައުމީ ބަޠަލުންގެ ވާހަކަތަކާއި، ކާބަފައިންގެ ޙިކުމަތާއި، ރަށްރަށުގެ ސަޤާފަތްތައް މިޒަމާނަށް ރައްކާތެރިކޮށްދިން އެހީތެރިޔާ އަށެވެ. ދިވެހި ބަހުން ހަދިޔާކުރި ފޯކްލޯރުތަކާއި، ޅެންވެރިކަމާއި، ތާރީޚީ ވާހަކަތަކަކީ މިއަދު މި ޤައުމުގެ ސަޤާފީ ފޭރާން ބައްޓަންކުރި ވަސީލަތެވެ. ބަސް ނެތްނަމަ ޤައުމުގެ މާޒީއާ އޮންނަ ގުޅުން ކެނޑި ، އަންނަން އޮތް ޖީލުތައް ސަގާފީ ތަރިކައިން މަހުރޫމްވެގެން ދާނެ އެވެ.

ޤައުމިއްޔަތުގެ ނަޒަރަކުން ބަލާއިރު ބަހަކީ މުޖްތަމައު އެއްބައިވަންތަކުރާ ވަރުގަދަ އެއް ބާރެވެ. އެއީ ސަރަހައްދީ އަދި އިޖުތިމާއީ ތަފާތުތައް ފަހަނައަޅައި ގޮސް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމުގެ އިހުސާސް އާކޮށްދޭ އެއްޗެކެވެ.

ބަހުރުވައިގެ ތަފާތުތަކެއް ހުރިނަމަވެސް ރާއްޖެއަކީ އެއްބަހަކުން ވާހަކަދައްކާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެކެވެ. ދިވެހި ބަހަކީ އުތުރުން ދެކުނަށް އެތުރިފައިވާ މި ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުން އެއް ބައެއްގެ ގޮތުގައި ދެމިތިބޭ މައިގަނޑު އެއް އަސާސެވެ.

ދިވެހިބަސް ރައްކާތެރިކޮށް ކުރިއެރުވުމުން ސަގާފީ އަދި ގައުމިއްޔަތުގެ ބޭރުން ވެސް އެ މުޖްތަމައު އަކަށް ގިނަ ފާއިދާތަކެއް ކުރާނެ ކަމެކެވެ.ބަހަކީ ތުއްތުކުދިންްގެ ވިސްނުން ތޫނުކޮށް، އިޖުތިމާޢީ އެއްބައިވަންތަކަމާއި، އިޤްތިޞާދީ ކުރިއެރުމާ ވަރަށް ފުންކޮށް ގުޅިފައިވާ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މާދަރީ ބަހުން ތައުލީމު ހާސިލްކުރާ ކުދިން ތައުލީމީ ގޮތުން ރަނގަޅު ނަތީޖާއެއް ލިބި، ކްރިޓިކަލް ވިސްނުމުގެ ހުނަރުތައް ވަރުގަދަވެ އެވެ. ސްކޫލްތަކުގައި ދިވެހި ބަހަށް އިސްކަންދީގެން މަސައްކަތް ކުރެވިއްޖެނަމަ ރާއްޖޭގެ ތަރައްޤީގައި ބޮޑު ޙިއްޞާއެއް ވާނެ ޒުވާނުން ޖީލެއް ތައްޔާރުކުރެވޭނެ އެވެ.

ދިވެހިބަހުގެ މުހިއްމުކަން ކިތަންމެ ބޮޑު ކަމުގައި ވިޔަސް، މިޒަމާނުގައި ދިވެހި ބަހަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ދުނިޔޭގެ މީޑިއާގެ ނުފޫޒާއި، ތަޢުލީމާއި ވިޔަފާރީގައި އިނގިރޭސި ބަސް އާންމުވުމާއި، ގިނަބަޔަކު ރާއްޖެއިން ބޭރަށް ހިޖުރަކުރުމުގެ ސަބަބުން، ޚާއްޞަކޮށް ޒުވާން ޖީލުގެ ތެރޭގައި ދިވެހި ބަހުގެ ފަރިތަކަން މަޑުމަޑުން ދަނީ ގެއްލެމުންނެވެ. މިކަމަށް ހައްލު ހޯދުމަށް ޒުވާން ޖީލު ދިވެހިބަހަށް ޝައުގުވެރިކުރުވުމަށް އިތުރު މަސައްކަތްތަކެއް މިހާރު މިވަނީ ކުރަންޖެހިފައެވެ.

ސަރުކާރުގެ އިތުރުން ތައުލީމު ފޯރުކޮށްދޭ ތަންތަނާއީ ، މަދަނީ ޖަމިއްޔާތައް ގުޅިގެން ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހެ އެވެ. މީގެ ތެރޭގައި ދިވެހި ބަސް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވައްދައި، ދިވެހި ލިޔުންތެރިކަން ކުރިއަރުވައި އާންމު ތަންތަނުގައި ދިވެހި ބަސް ބޭނުން ކުރުމަށް އިތުރަށް ހިތްވަރު ދިނުން ހިމެނެއެވެ.

މީގެ އިތުރުން ފަހުން އަންނާން ތިބި ދަރިންނާ ހަމައަށް ދިވެހި ބަސް ފޯރުކޮށްދިނުމަށް ، ބަހަށް އިސްކަންދީގެން އާއިލާތެރެއިންވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހު ދިވެހިބަހަކީ ރާއްޖޭގެ އަގުހުރި ޚަޒާނާއެއްގެ ގޮތުގައި ބަލައިގަންނަމާ ހިނގާށެވެ. އަދި މި ޚަޒާނާ ފަހުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް ފަރުދީގޮތުން ކުރެވެންހުރި ކޮންމެ ކަމަކަށް އިސްކަންދީގެން ، ދިވެހި ބަހަށް ރައްކާތެރިވަމާ ހިނގާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ބެއްޔާ - 2025-02-21T19:04:47

    މި ނޫހުން މުންގިޒްގެ ގިނަ ލިޔުންތަކެއް ފެނިއްޖެ. ޓަފާތު މައުލޫތަކަށް ލިޔެފައި ހުރި އިރުވެސް ލިޔުންތައް ފުރިހަމަވެފައި ރަނގަޅު . މި ޒަމާނުގައި ބަސް ހިމާޔަތް ކުރަން ޒުވާން ކުއްޖަކު ލިޔުންވެސް ރަނގަޅު