އަނިޔާވެރި އަމަލުތަށް ހިންގުމަށް ބާރުދީ ވާހަކަދެއްކުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްވާތީ، މައްސަލަ ތަހުގީގުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ފިޔަވަޅު އަޅަން ޕީއެންސީން ގޮވާލައިފި އެވެ.
ޕީއެންސީން މިގޮތަށް ގޮވައިލީ އެމްޑީޕީން ދާދިފަހުން ބާއްވާފައިވާ ހަފްލާ ތަކެއްގައި އާންމުންގެ މެދުގައި ނަފުރަތު އުފައްދައި އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ފައްޔާޟާއި، އެ ޕާޓީއަށް ނިސްބަތްވާ މެންބަރަކު ވާހަކަ ދައްކާފައިވާތީ އެކަމާ ގުޅޭ ގޮތުން މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
ޕީއެންސީން ބުނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނާމެދު ބަޔަކު އުފެއްދި ނަފުރަތާއި ރުޅިވެރިކަމުގެ ސަބަބުން މާލޭގެ ހަވަރު އެއްވެ ރައީސް އަމީން ރާއްޖޭން ބޭރުން މާލެއަށް ވަޑައިގަތުމުން، ހަށިކޮޅަށް އަނިޔާކޮށް އެމަނިކުފާނު އަވަހާރުކޮށްލި ގޮތަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާމެދު އަމަލުކުރުމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމްތަކުގައި އެ ޕާޓީގެ އާންމު މެމްބަރުންނާއި އިސްވެރިން ދައްކަވަމުންދާ ވާހަކަތަށް ކުށްވެރިކުރާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް އަމީނާމެދު ކަން ހިނގާދިޔަ ގޮތަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އަނދިރި ސަފުހާއެއް ކަަމަށެވެ. އަދި މިއަދު ގާއިމުކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި ނަފުރަތު ވަނަނުދީ، ސިޔާސީ މަސައްކަތްތައް ޑިމޮކްރެޓިކް ހަމަލާތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށާއި، އެއީ އިހުގައި ދިވެހި ސިޔާސީ މަސްރަހުން ފެނިފައިވާ އަނިޔާވެރި އަމަލުތައް އިއާދަވިޔަ ނުދިނުމަށް ތަރުތީބު ކުރެވިފައިވާ ނިޒާމެއް ކަމަށެވެ.
"މި ނިޒާމުގެ އަސާސުތަކާ ޚިލާފަށް އަނިޔާވެރިކަމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޕާޓީގެ އާއްމު މެންބަރަކު ދެއްކި ވާހަކަ ކުށްވެރި ކުރުމުގެ ބަދަލުގައި، އެ ޕާޓީގެ ޗެއާޕާސަންް ފައްޔާޟް އިސްމާޢީލް އެ ވާހަކަތަކަށް އިތުރު ހިތްވަރު ދެއްވައި ވާހަކަދެއްކެވުމަކީ ނުރައްކާތެރި އަަމަލެކެވެ." ބަޔާނުގައި ވެއެވެ.
އަދި މިފަދައިން މީހަކާއި މެދު އަނިޔާވެރި އަމަލުތައް ހިންގުމަށް ބާރުދީ ވާހަކަދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށްވާތީ، ފައްޔާޟް އަދި އެމްޑީޕީގެ އާންމު މެންބަރު ހިންގެވި މި އަމަލު ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ތަހުގީގުކޮށް، ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަަވަޅުތައް އެެޅުމަށް އެ ޕާޓީން ގޮވާލާ ކަަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ލިޔުން ކިޔާލުމުން