އާދިއްތަ, November 1
ރައީސް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާހު ކޮށްދެއްވައިފި

ރާއްޖޭގެ ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ސަރުކާރުން ގާއިމްކުރަން ނިންމި "ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް" އިފްތިތާހުކޮށްފިއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ އޮފީސް ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ރައީސް ގެ އިތުރުން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އާއި، ޑިވެލޮޕްޕްމަންޓު ބޭންކުގެ ސީއީއޯގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ބައިވެރިވެވަޑައިގަތެވެ.

މި ބޭންކު އުފައްދަވަން ރައީސް ނިންމެވީ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، އަދި ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކް އެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، ޑިވެލޮޕްމަންޓް ބޭންކާއެކު ރާއްޖޭގެ އިގްތިސާދުގެ މުޅިން އައު ބާބެއް ފެށިގެންދާނޭ ކަމަށާއި މި ބޭންކުގެ ސަބަބުން އިގްތިސާދު ސިންދަފާތުކުރުމަށް ރައީސް ޑރ.މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ކުރިއަށްގެންދިއުމަށް އިތުރު ބާރެއް ލިބިގެންދާނޭކަމަށެވެ.

އޭގެ އިތުރުން ޑިވެލޮޕްޕްމަންޓު ބޭންކުގެ ސީއީއޯގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވިދާޅުވީ މި ބޭންކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

އަދި މި ބޭންކް ވެގެންދާނީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް އެހީތެރިވާނެ ބޭންކްއަކަށް ނޫން ކަމަށާއި، ބޭންކް ވެގެންދާނީ މެދުފަންތީގެ ވިޔަފާރިތަކަށްވެސް އެހީތެރިކަން ދޭނެ ބޭންކް އަކަށެވެ. މީގެ އިތުރުން މި ބޭންކް ކުރިއަށްދާނީ ބޭރުގެ ފައިނޭންޝަލް އިންސްޓިއުޓްތަކާވެސް ގުޅިގެން ކަމަށް ޕެޓަސަން ޖޯންސް ވިދާޅުވި އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު