އާދިއްތަ, November 1
ދައުލަތުގެ އާމްދަނީ 33.36 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރުގެ އޮކްޓޫބަރު 22 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތަ އިތުރުވެއްޖެއެވެ.

މި ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ފިސްކަލް ރިޕޯޓުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 31.60 ބިލިއަން ރުފިޔާއެވެ.

ރިޕޯޓުގައިވާ ގޮތުން، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވެފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޓީޖީއެސްޓީގެ ގޮތުގައި 8.87 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 5.7 އިންސައްތަ އިތުރުވުމެކެވެ. ގްރީން ޓެކްސްގެ ގޮތުގައި 1.78 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2.6 އިންސައްތަ އިތުރުވުމެކެވެ.

ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 21.8 އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.82 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފައެވެ. ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު ފައިސާ ވަނީ އިތުރުވެފައެވެ.

މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު 17.0 އިންސައްތަ އިތުރުވެ، 37.21 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދަކީ 32.00 ބިލިއަން ރުފިޔާ ކަމަށާއި ކެޕިޓަލް ޚަރަދަކީ 5.21 ބިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ވެއެވެ.

ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ސަބްސިޑީއަށް ކުރި ޚަރަދު 58.6 އިންސައްތަ އިތުރުވެ، 4.31 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އާސަންދައަށް 1.94 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުސާރައާއި ޕެންޝަނަށް 12.05 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ނިޔަލަށް 0.27 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވީ ނަމަވެސް، ޖުމްލަ ފިސްކަލް ޑެފިސިޓް ވަނީ 3.85 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު