އާދިއްތަ, November 1
އެފްއޭއެމް ޓާފް 1 ގެ މަސައްކަތް މި މަހުގެ ކުރީކޮޅު ނިންމާލެވޭނެ: ކުޅިވަރު ވުޒާރާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށާއި، މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. މި މަސައްކަތް މި މަހުގެ ކުރީކޮޅު އެއްކޮށް ނިންމައި، ދަނޑު ބޭނުން ކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

މި ދަނޑަށް ބޭނުންވާ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ. ޓާފް އެޅުމުގެ މަސައްކަތް ކުރަމުންދަނީ އެފްއޭއެމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގުޅިގެންނެވެ. މި މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމުމަށް ރާވާފައިވެއެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކާއި، ފުޓުބޯޅަ އެކަޑަމީތަކުގެ އިތުރުން އާންމުން ބޭނުންކުރާ ދަނޑުގެ ޓާފް ހަލާކުވެފައިވާތީ ގިނަ ބައެއްގެ ޝަކުވާ އަމާޒުވެފައިވާއިރު، މި ދަނޑުގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ މީގެ 12 އަހަރު ކުރިން 2014 ވަނަ އަހަރުއެވެ.

އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤު ވިދާޅުވެފައިވާ ގޮތުގައި، ޓާފް 1 ގެ އިތުރުން ޓާފް 2 މަރާމާތު ކުރުމަށާއި، ކުރީގެ މިނީ ޓާފް ސަރަހައްދުގައި ހުރި އެފްއޭއެމް ގުދަން ބަރި ހުރި ބިމުގައި އިތުރު ދެ ޓާފް ދަނޑު އެޅުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ތެރެއިން ޓާފް 2 އަދި އަލަށް ޤާއިމުކުރާ ދެ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭއެފްސީގެ އެހީތެރިކަމާއެކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު