އާދިއްތަ, November 1
ފޯޅަވަހި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސް ކޮމިޝަނެއް އުފައްދަވައިފި

ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދުގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މޮރިޝަސްއިން ހުށަހެޅި މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލުނީ ދިވެހިރާއްޖެއިން ކަންކުރި ގޮތުން ކަމުގައި ފާހަގަކޮށްފައިވާތީ މި ކޮމިޝަން އުފައްދަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ، މި މައްސަލަ ފުރިހަމައަށް ބައްލަވައި ފިޔަވަޅު އެޅުއްވުމަކީ ކޮމިޝަން އުފެއްދެވި މައިގަނޑު ބޭނުން ކަމަށެވެ.

މި ކޮމިޝަން އުފައްދަވާފައިވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާނުކުރައްވާފައެވެ.

ކޮމިޝަނުގެ ރައީސްކަމަށް ޢައްޔަނުކުރައްވާފައިވަނީ އަޙްމަދު ޝާކިރު (ނ.ދ.ޝ.ޢ) އެވެ. ކޮމިޝަނުގެ އެހެން މެންބަރުންނަކީ:

  • އަބްދުލްއަޒީޒް ޔޫސުފް
  • ޑރ. އާމިނަތު ޝާފިޔާ އާދަމް
  • ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
  • ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުޙައްމަދު ޞާދިޤް
  • އަޙްމަދު އަލީމަނިކު
  • ފާޠިމަތު މިންހަތު އިއްޒަތު

ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މި މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މައްސަލަ ކުރިއަށްދިޔަ ގޮތާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާގޮތުން ޝާމިލުވި މަސްއޫލުވެރީން ޢަމަލުކޮށްފައިވާ ގޮތް ބަލައި ތަޙުޤީޤުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އެ ފަރާތްތަކުގެ އެއްވެސް ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލެއްވާނަމަ އޭގެ އިންތައް ކަނޑައެޅުމާއި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކައުކުރެވިފައިވާ ގޮތް ބެލުންވެސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ގޮތްތައް ހުށަހެޅުންވެސް ކޮމިޝަނަށް މަތިކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ އެންމެހައި މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު