Saturday, October 31
ކުރިއަށް އޮތް 4 އަހަރު ފެނިގެންދާނީ ސިއްހީ ނިޒާމުގެ މުޅިން އާ ޗެޕްޓަރެއް: ނާޒިމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި ކުރިއަށް އޮތް 4 އަހަރުގައި ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ ރާއްޖޭގެ ސިއްހީ ނިޒާމުގެ މުޅިން އާ ޗެޕްޓަރެއް ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޓާޝަރީ ފެންވަރަށް ތަރައްގީކޮށް، ހުޅުމާލެ ހޮސްޕިޓަލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް 4 އަހަރަކީ ދިވެހި ހެލްތު ސިސްޓަމްގެ މުޅިން އާ ޗެޕްޓަރެއް މުޅިން އާ އެޕިސޯޑެއް ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ އަހަރުތަކެއް.

މިނިސްޓަރު ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުތައް ހުރީ އެ މަގަށް ބައްޓަން ކުރެވިފައި ކަމަށެވެ. އަދި ސަރުކާރުން ގަބޫލުކުރާ ސިއްހީ ސިޔާސަތަކީ ރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި، އެންމެ ނިކަމެތި މީހާއަށް ވެސް ބޭސްފަރުވާގެ ނިޒާމު އެންމެ އެދެވޭ ގޮތުގައި ނުލިބޭހާ ހިނދަކު މި ނިޒާމު ރަނގަޅު ނުވާނެ ކަމުގެ ސިޔާސަތުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ސިއްހީ ދާއިރާއަށް ރައީސް ޑރ. މުޢިއްޒުގެ ވެވަޑައިގެންފައި ހުރި ވައުދުތައް ފުއްދުމުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތައާރަފުކުރެވޭ ޚިދުމަތްތަކާއެކު، ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެ ހޮސްޕިޓަލު މިއަދު ހުޅުވާފައިވާއިރު، ރޭ ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ވެސް ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވައިފައެވެ.

ސަރުކާރަށް އަހަރެއްވެފައިވާއިރު، ސިއްހީ ނިޒާމު ހަރުދަނާކުރަން ގިނަ ކަންތައްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ދަނީ ލިބެމުންނެވެ. މި ސަރުކާރުގެ ވައުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން އެބަ ކުރިއަށްދެއެވެ.

ހަމައެއާއެކު ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށްވާތީ، އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ރައީސް ޑރ. މުޢިއްޒު ވަނީ އަންގަވާފައެވެ.

މި ސަރުކާރުން ވަނީ ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް، އަދި އާސަންދަ ސްކީމުގައި ރަޖިސްޓަރީ ވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން މެޑިކަލް ޗެކްއަޕް ހެދުމަށާއި، ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާއިރު ހޮސްޕިޓަލް ބަދަލުކުރުމަށް އަތުން ކުރަންޖެހޭ ޚަރަދަށާއި، އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) ގެ ފަރުވާއަށް އާސަންދަ ދިނުމަށް ވެސް ނިންމައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު