Saturday, October 31
ސަރުކާރުން މަސައްކަތްކުރަނީ އެންމެ ނިކަމެތި މީހާއަށް ވެސް ބޭސްފަރުވާ އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް: ނާޒިމް

ސަރުކާރުން ގަބޫލުކުރާ ސިއްހީ ސިޔާސަތަކީ ދިވެހިރާއްޖޭގެ އެންމެ ކުޑަ ރަށުގައި ހުރި، އެންމެ ނިކަމެތި މީހާއަށް ވެސް ބޭސްފަރުވާގެ ނިޒާމު އެންމެ އެދެވޭ ގޮތުގައި ނުލިބޭހާ ހިނދަކު މި ނިޒާމު ރަނގަޅު ނުވާނެ ކަމުގެ ސިޔާސަތު ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތައާރަުކުރެވޭ ޚިދުމަތްތަކާއެކު، ޓާޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެ ހޮސްޕިޓަލު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ އެންމެ ނިކަމެތި މީހާއަށް ވެސް ބޭސްފަރުވާ އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލުންބަލުން ފަށްޓަވައިގެން ސިއްހީ ދާއިރާގެ ކަންކަން ރަނގަޅު ކުރެއްވުމުގެ މަަސައްކަތް ކުރައްވަމުން އެ ގެންދަވަނީ މި ސިޔާސަތު ނެގެހެއްޓުމާއި ދެމެހެއްޓުމުގައި ކަމަށެވެ.

ދިވެހި ސިއްހީ ނިޒާމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިން މިކަން ކުރި ގޮތަށް އަޅުގަނޑުމެން ތާއަބަދު މިކަންކަން ކޮށްގެން އަޅުގަނޑުމެން ދާން ބޭނުންވާ މިސްރާބަށް ނުދެވޭނެކަން ގަބޫލުފުޅު ކުރައްވައިގެން ހުންނެވި ވެރިއަކު އަޅުގަނޑުމެންނަށް ލިބި، އެމަނިކުފާނުގެ އަމަލާއި ބަހާއި މި މަގުގައި މިސްރާބު ކުރެވިފައި ހުރި ހުރުން.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ސިޔާސަތު ބައްޓަންކުރެވެމުން އެދަނީ މީގެކުރިން މިކަން ކުރި ގޮތަށްވުރެ ތަފާތު ގޮތަކަށް މިކަން ކުރަންޖެހޭ ކަމަށް ދެކިގެން ކަމަށެވެ.

އެއީ ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލު ތަރައްގީކޮށްގެން މެނުވީ މާލޭގެ ސިއްހީ ނިޒާމަށް މި އޮތް ބުރަ ރަނގަޅު ނުކުރެވޭނެ ކަމުގެ ސިޔާސަތު ކަމަށާއި، އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށްގެން މެނުވީ މުޅި ރާއްޖޭގެ އާބާދީގެ ސިއްހީ ނިޒާމަށް އޮތް ކަންބޮޑުވުމަށް ހައްލު ނުލިބޭނެކަމުގެ ސިޔާސަތު ކަމަށާއި، ރާއްޖޭގައި ބަލިމަޑުކަމުގެ ވައްޓަފާޅި ހުރި ގޮތް ބަލައި އަޅާލަންޖެހޭ ޚާއްސަ ފަރާތްތަކަށް އަޅާލައިގެން މެނުވީ ސިއްހީ ނިޒާމުގެ ކަންބޮޑުވުމަށް ހައްލު ނުހޯދޭނެކަމުގެ ސިޔާސަތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަސޭހަ އަވަސް ފަރުވާއާއެކު ސިއްހީ ނިޒާމަކީ ދައުލަތުގެ މާލިއްޔާއަށް އޮތް ބޮޑު ބުރައެއްކަމުގައި ވެގެންނުވާނެ ކަމުގެ ސިޔާސަތު ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ރައީސް ނިންމެވި ނިންމެވުމާއި ކުޑަކުދިންނާއި މައިންނަށް ޚާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރަން ނިންމެވި ނިންމެވުން ހެއްކަކަށް ފުދޭ.

މީގެއިތުރުން އާސަންދަ ނިޒާމަށް އަލިއަޅުވައިލައްވަމުން މިނިސްޓަރު ވިދާޅުވީ މި ނިޒާމު ބޭނުންކުރަމުން އަންނަތާ 15 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެެ ކަމަށާއި، ނަމަވެސް ވޭތުވެދިޔަ ހުރިހާ އަހަރެއްގެ ބަޖެޓު ބަލައި ދިރާސާކޮށްލާއިރު، އެއްވެސް އަހަރެއްގައި އާސަންދަ ނިޒާމަށް ބަޖެޓުގަ ފާސްކުރެވުނު އަދަދު، އާސަންދަ ނިޒާމު ހަމަޖެއްސި ފޫބެއްދިފައެއް ނެތް ކަމަށެވެ.

ނާޒިމް ވިދާޅުވީ މިިއިން ވަރަށް މުހިންމު މެސެޖެއް އެބަ ލިބޭ ކަމަށާއި، މި ނިޒާމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރިކަން ނަންބަރުތަކުން އެބަ ހާމަވާ ކަމަށެވެ.

ގަޔަށް ދޫ ހަށްޓަށް ލުއި ސިޔާސަތުތަކެއް ކުރީގަ ގެންގުޅެވިފަ އޮތުމުގެ ސަބަބުން ނޫނީ ސިޔާސީ ގޮތުން އަދާކުރަން ޖެހިދާނެ އަގެއްގެ ބޮޑުކަމުގެ ސަބަބުން ފަސް އެނބުރި ބަލައިލާ މި ނިޒާމު ގެންދެވެނީ ދިވެހި ރައްޔިތުންނަށް އެންމެ ލާބަޔާއި މަންފާ ހުރި ގޮތުގައި ތޯ އެ ސުވާލު އުފައްދާނެ ސިޔާސީ ވެރިން މަދުވިކަން އެއީ ހިތާމަކުރަންޖެހޭ ކަމެއް.

ނާޒިމް ވިދާޅުވީ އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެއްވެސް އަހަރެއްގައި އެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުން ނުފުދި ކޮންމެ އަހަރަކު އެއަށް ފައިސާ އަޅައަޅައި ތިބެން ޖެހުމުގެ ސަބަބުން މުޅި ނިޒާމު ވަނީ ދައުލަތުގެ އިގުތިސާދަށް ބޮޑު ބުރައަކަށްވެފައި ކަމަށެވެ.

މީ ދިވެހި ރައްޔިތުން އެދޭ ގޮތެއް ނޫން. ދިވެހި ރައްޔިތުން އެދެނީ އެބައިމީހުންގެ ސިއްހީ ނިޒާމަކީ އެންމެ ފައިދާހުރި ގޮތުގައި އެ ހައްގުވެރި ފަރާތަށް އެންމެ ރަނގަޅު ގޮތުގަ ލިބޭ ނިޒާމެއްކަމުގައި ވެގެންދިއުން. އެ ނިޒާމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ދެން ހުރި އެހެން ކަންކަން ކުރުމަށް ހުރި ގޮންޖެހުމަކަށް ނުވާނެ ނިޒާމަކަށް އެ ނިޒާމުވެގެންދިއުން. އެކަމަށްޓަކައި އަޅުވަންޖެހޭ ފިޔަވަޅުތައް މިއަދުގެ ރައީސް އެ ގެންދަވަނީ އަޅުއްވަމުން.

މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، އާސަންދައިން ކުރެވިފައި ހުރި ބޮޑު ޚަރަދުގެ ތެރެއިން %60 ޚަރަދުކުރެވިފައިވަނީ ހަމައެކަނި ބޭސްވިއްކުމަށް ކަމަށެވެ. ނަމަވެސް ބޭހަކީ ހަމައެކަނި ފަރުވާއެއް ނޫން ކަމަށާއި، ބޭހަކީ މުޅި މި ނިޒާމުގެ މަދު ބައެއް ކަމަށާއި، ބޭހާ ހިސާބަށް އައުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާއި އެ ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވެނީ އެންމެ ރަނގަޅު ގޮތުގައިތޯ މި ސުވާލު ތަކުރާރުކޮށް އެބަކުރަންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ބޭހުގެ އަގުތައް ހުރީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު އަގުތަކެއްގައިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަން މިހެންވެފައި މިއޮތީ މި ނިޒާމު ބަލަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން ކަމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތުތަކުގައި އެޅިފައި ނެތުމުގެ ސަބަބުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު