Saturday, November 14
އާމްދަނީގެ ބޮޑުބައެެއް ކްރެޑިޓް ސްކީމްތަކަށް؛ޒަރޫރީ ނޫން ހޭދަތައް ބޮޑު

މާލޭގައި ރެސްޓޯރެންޓެއް ހިންގާ ވިޔަފާރިވެރިއަކާ ދިމާވެގެން ދެކެވުނު ވާހަކައިގެ ތެރެއިން އެފަރާތުން ކުރާ ވިޔަފާރިއަށް ހިޔާލެއް ދިނީމެވެ. އެ ހިޔާލު އޭނާ ބަލައިގަތެވެ. ނަމަވެސް މާލޭގައި އަދި ރާއްޖޭގައި އެކަހަލަ އެއްވެސް ވިޔަފާރިއަކަށް މިހާރު ފުރުސަތު ނެތްކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

ސަބަބު ސާފުކުރުމަށް އިތުރަށް ސުވާލު ކުރީމެވެ. ޖަވާބުގައި އެ ވިޔަފާރިވެރިޔާ ކިޔައިދިން ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ކުރިއަށް އޮތް ފަސް އަހަރު ލިބެން އޮތް އާމްދަނީވެސް އޮތީ އެކި ކްރެޑިޓް ސްކީމްތަކުން  ހަރަދުކޮށްފައެވެ. އެހެންކަމުން އަލަށް ފަށާ އެބާވަތުގެ ވިޔަފާރިއަކުން ތަކެތި ގަނެ ހިދުމަތް ހޯދާނެ ފާއިސާއެއް އާންމު ރައްޔިތުން އަތަކު ނެތެވެ. ކުރިއަށް އޮތް ފަސް އަހަރުވެސް ނޯންނާނެއެވެ. އެ ވިޔަފާރިވެރިޔާ ބުނި ވާހަކައަށް ވިސްނާލުމުން ގަބޫލުކުރެވުނެވެ. ތެދެކެވެ. ކޮންމެވެސް ކްރެޑިޓް ސްކީމަކަށް ފާއިސާ ދައްކަން ޖެހިފައި ނެތް މީހަކު މިހާރު މަދުވާނެއެވެ. ގިނަ މީހުން އޮތީ އެއް ސްކީމަށްވުރެ ގިނަ ސްކީމްތަކަށްވެސް ފާއިސާ ދައްކަންޖެހިފައެވެ.

ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ބޭންކުތަކުން ވަނީ ގިނަ އަދަދެއްގެ ކްރެޑިޓް ސްކީމްތަކާއި ލުއި ލޯނުތައް ތައާރަފްކޮށްފައެވެ. ވަރަށް ފަސޭހައިން މި ސްކީމްތަކުން ފާއިސާ ހަމަޖެހޭއިރު ދައްކަންޖެހެނީ ދުނިޔޭގެ ނިސްބަތުންވެސް ބޮޑެތި އިންޓަރެސްޓްއެކެވެ.

ބޭންކުތަކުން މި ސްކީމްތައް ތައާރަފްކުރުމާއެކު ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުންވަނީ މި ސްކީމްތައް މެދުވެރިކޮށް ވަރަށް ފަސޭހައިން ވިޔަފާރިކުރެވޭގޮތް ހަދާފައެވެ. މިގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އާބާދީގެ ބޮޑުބައެއް މިފަދަ ސްކީމްތަކަށް މިހާރު ވަނީ ބަރޯސާވެފައެވެ.

ގިނަ މީހުންނަށް އާންމު ހާލަތުގައި ގަތުމަށް ނުކުޅެދިފައި އޮތް ކިތަންމެ އެއްޗެއް ފަސޭހައިން ގަނެވޭގޮތް ވީއެވެ. ފަރުނީޗަރާއި ގޭތެރޭގައި ބޭނުންކުރާ އެހެނިހެން އަގުބޮޑު މުދާތަކުން ފެށިގެން ސައިކަލާއި ، ކާރު ފަދަ ތަކެތި ފަސޭހައިން ހޯދޭގޮތް ވީއެވެ. އަދި ފަހުގެ ފޯނާއި އެހެނިހެންވެސް އިލެކްޓްރޯނިކް ސާމާނުވެސް ބާޒާރަށް ނެރޭއިރަށް ހޯދޭގޮތް ވީއެވެ. އެއްޗެއް ގަތުމަށް މިހާރު ބަލަންޖެހެނީ ކުރިއާ ހިލާފަށް ރައްކާކޮށްފައި ފާއިސާ ހުރިތޯ އެއް ނޫނެވެ. ކްރެޑިޓް ސްކީމްގެ ބެލެންސް ހުރި ވަރުން ނެގޭތޯއެވެ.

މިފަދަ އިންޓަރެސްޓް ބޮޑު ކްރެޑިޓް ސްކީމްތަކަށް ގިނަބަޔަކު ބަރޯސާވުން އިތުރުވުމަކީ ގައުމެއްގެ ގޮތުގައި ބޮޑު ކަންބޮޑުވުމެކެވެ. އަދި ވަކިވަކި ފަރުދުން މާލީ ފުދުންތެރިކަމުގެ ބޭރުން މިފަދަ ގޮތަކަށް މަތީ ފެންވަރުގެ ދިރިއުޅުމަކަށް ވިސްނުން ހުރިއިރު ، މިކަމުގެ ސަބަބުން ދިގު މުއްދަތުގެ އިގްތިސާދީ ގޮންޖެހުންތަކެއް ގައުމަށް ދަނީ ތައާރަފްކުރަމުންނެވެ.

ދަރަނީގެ ބުރަ ބޮޑުވުމުގެ ސަބަބުން ގޭބިސީތަކުގެ މާލިއްޔަތު ދެކޮޅުނުޖެހި، ޑިސްޕޯޒެބަލް އިންކަމް މަދުވެ، ފަރުދުން އަތުގައި ފަހަށް ރައްކާކުރާ ފައިސާ ނެތުންފަދަ އެތައް މައްސަލަތަކެއް ފެންމަތިވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ  އިގްތިސާދަށް އޭގެ ރިޕްލް އިފެކްޓް ދަނީ ކުރިމަތިވަމުންނެވެ. މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ގައުމުގެ ޖުމްލަ އިގްތިސާދީ ކުރިއެރުމަށް މިކަމުގެ ސަބަބުން އަސަރުކުރާނެއެވެ.

ރާއްޖޭގައި އިންޓަރެސްޓް ބޮޑު ކްރެޑިޓް ސްކީމްތަކަށް ބަރޯސާވުން އިތުރުވުމުން އިގްތިސާދީ ގޮންޖެހުންތައް މުސްތަގުބަލުގައި އަދި އިތުރަށް ކުރިމަތިވާނެކަމަށް ބެލެވެއެވެ. ގޭބިސީތަކުގެ އާމްދަނީގެ ބޮޑު ބައެއް ދަރަނި ދެއްކުމަށް ހޭދަކުރަންޖެހޭތީ ފަހަށް ރައްކާކުރުމަށް ފާއިސާ ނެތި ޑިސްޕޯސަބަލް އިންކަމް އަށް އޮންނަ ފުރުސަތު ކުޑަވުމުން މާލީ ގޮތުން ބޮޑު ނުތަނަވަސްކަމެއް އުފެދޭނެއެވެ.

ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރާ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމުން ލިބޭ އާމްދަނީގެ ތެރެއިން ސީދާ ގޮތެއްގައި ބޭނުންކުރެވޭ އާމްދަނީ މަދުވެއެވެ. އެކަމުގެ ސަބަބުން ޒަރޫރީ މުދަލާއި ހިދުމަތްތަކަށް ކުރަންޖެހޭ ހޭދަތައް ކުރުމަށް އޮންނަނީ ދަތިވެފައެވެ. އެހެންކަމުން ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭ ދާއިރާތަކުގެ ޑިމާންޑް ބަލިކަށިވެ، އިގްތިސާދީ ކުރިއެރުން މަޑުޖެހި، ގައުމުގެ އެތެރޭގެ މާކެޓްތަކުގައި ހަރަކާތްތެރިކަން މަދުވެގެންދެއެވެ.

މީގެ އިތުރުން ދަރަނީގެ ބޮޑެތި ބުރަތަކުގެ ސަބަބުން ފަރުދުން ފަހަށް ރައްކާކުރާ ފައިސާގެ ނިސްބަތް މަދުވެ ކުރިއަށް އޮތްތަނުގައި ޕްރައިވެޓް ސެކްޓާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ކުރާ އިންވެސްޓްމަންޓްތައް ބޮޑުތަނުން މަދުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮންމެ ގައުމެއްގެވެސް އިގްތިސާދުގެ އެންމެ މުހިއްމު އެއް ދައުރެއް އަދާ ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. ކްރެޑިޓް ސްކީމްގެ  މި ޓްރެންޑުގެ އަސަރު އެންމެ ބޮޑަށް ކުރަނީވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.މިފަދަ ސްކީމްތަކުގެ ސަބަބުން ކޮންސިއުމަރ ސްޕެންޑިންގ ލޯކަލް ގޮތުން އުފައްދާ މުދަލާއި ހިދުމަތްތަކާ ދުރަށް ޖެހެން މަޖުބޫރުވެ އެސްއެމްއީ ތަކަށް އޮންނަ ޑިމާންޑް ކުޑަވެގެންދެއެވެ.

މީގެ އިތުރުން ބޭންކުތަކުން ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށް ވުރެ ކޮންސިއުމަރ ކްރެޑިޓަށް އިސްކަންދިނުމުން ފައިނޭންސިންގެ ފުރުސަތުތައް އެސްއެމްއީ ތަކަށް ހަނިވެ، ކުރިއެރުމުގެ ފުރުސަތުތައް ބަންދުވެ އެވެ. މި ޑައިނަމިކްގެ ސަބަބުން އިނޮވޭޝަނާއި، ވަޒީފާ އުފެއްދުމާއި، އެތެރޭގެ އިޤްތިޞާދުގެ ޖުމްލަ ތަރައްޤީއަށް  އިތުރަށް ހުރަސްއެޅިގެންދާނެއެވެ.

ކްރެޑިޓް ބޭނުންކުރުން އިތުރުވަމުންދާ ވަރަކަށް ބޭންކިން ދާއިރާއަށްވެސް އޮންނަ ނުރައްކާތައް ދާނީ ބޮޑުވަމުންނެވެ. މިގޮތުން ޑިފޯލްޓްގެ ސަބަބުން ނޮން ޕާފޯމިން ލޯނު އިތުރުވުމަކީ މާލީ އިދާރާތަކަށް ބުރަވެ، ވިޔަފާރިތަކަށާއި ވިޔަފާރިވެރިންނަށް ލޯނު ދިނުމުގެ ގާބިލްކަން ބޭންކު ތަކުގައި ކުޑަވެދާނެ ކަމެކެވެ. މިކަމުގެ ސަބަބުން ޚާއްސަކޮށް ރާއްޖެފަދަ ކުޑަ އިގްތިސާދެއްގައި މާލީ ދަތިކަން އިތުރަށް ފުޅާވެދާނެ އެވެ.

ރާއްޖޭގައި މި އިތުރުވަމުން އަންނަ ކްރެޑިޓް ޑިޕެންޑެންސީއަކީ  އިޤްތިޞާދަށް ދިގުމުއްދަތުގެ ނުރައްކާތަކެއް ކުރިމަތިވާ ކަމެކެވެ. އެއީ ގޭބިސީތަކުގެ މާލީ ހަމަޖެހުން ބަލިކަށިކޮށް، ކޮންސިއުމަރ ސްޕެންޑިންގ އަށް ހުރަސްއެޅި، ފަހަށް ރައްކާކުރުން މަދުކޮށް، އެސްއެމްއީ ކުންފުނިތަކަށް ގެއްލުންބޮޑު ކަމެކެވެ. އަދި އެކަށީގެންވާ މިންގަނޑެއްގައި ނުހިފެހެއްޓިއްޖެނަމަ އިގްތިސާދީ ގޮތުން ގައުމަށް އިތުރު ހީނަރުކަމެއް ކުރިމަތިވެ ނާޒުކު ހާލަތެއް  ގައުމަށް މެދުވެރިވެދާނެ ކަމެކެވެ.  މި ކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި މާލީ، ބޮޑެތި ނިންމުންތައް ނިންމުމަށް ވިސްނަންވީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމާއި ،  ބޮޑު ކްރެޑިޓް ސްކީމްތައް އިތުރަށް ރެގިއުލޭޓްކުރުމާއި، އެސްއެމްއީތަކަށް އެހީތެރިވުން ފަދަ  ދެމެހެއްޓެނިވި އިގްތިސާދީ ފިޔަވަޅުތައް އަޅަންޖެހެއެވެ. އަދި އިގްތިސާދުގެ ކުރިއެރުމާއި ދުޅަހެޔޮކަން  ކަށަވަރުކުރުމަށްޓަކައި ފަހަށް ރައްކާކުރުމާއި ޒިންމާދާރު ލޯނު ނެގުމުގެ ސަގާފަތަކަށް ހިތްވަރު ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު