Monday, November 2
އެމް.އެން.އެސް.ޑީ.އޭ އާއި އެން.ޓީ.ޓީ.ސީ ގުޅިގެން ޤައުމީ ފެންވަރުގެ ތަމްރީނުތައް ފަށަނީ

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި މެރިޓައިމް ޓްރެއިނިނގް އިންސްޓިޓިއުޓް އާ ދެމެދު ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަންގެ (އެން.ޓީ.ޓީ.ސީ) ދަށުން ތަމްރީނު ފޯރުކޮށްދިނުމަށް ކުރެވޭ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ. މެރިޓައިމް ޓްރެއިނިނގް އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން މުޙައްމަދު އަސްލަމްއެވެ. އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ.

2023 ވަނަ އަހަރު މެރިޓައިމް ޓްރެއިނިނގް އިންސްޓިޓިއުޓް ވަނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އިންސްޓިޓިއުޓް ބޭސްޑް ޓްރެއިންނިންގ ހިންގައިދޭ ތަނެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގް މެކޭނިކް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވެލްޑިންގ ޓެކްނިކްސް ހިންގުމަށްވެސް ވަނީ އެމް.އެން.އެސް.ޑީ.އޭ ގައި ރަޖިސްޓްރީ ކޮށްފައެވެ.

އެމް.އެން.އެސް.ޑީ.އޭ ގެ ނެޕަކީ ވަޒީފާ އަދާކުރާ މާހައުލެއްގައި އުޅެމުން ތަމްރީނުވުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިގޮތުން، މަސައްކަތުގެ ތަޖުރިބާކާރުންނާއެކު 6 މަސްދުވަހުގެ ތަމްރީނު ލިބި ގައުމީ ސަނަދެއް ހާސިލުކުރުމަށް ފުރުސަތު ލިބިގެންދެއެވެ. އަދި، ބައިވެރިވާ ފަރާތްތަކަށް އެލަވަންސް ވެސް ލިބޭގޮތަށްވެސް ހަމަޖެހިފައިވެއެވެ.

އެން.ޓީ.ޓީ.ސީ އަކީ ޓެރޭޑް ޓެސްޓު ކުރާ ހުނަރުގެ މަސައްކަތުގައި ދެމިހުންނަތާ މަދުވެގެން 5 އަހަރު ވެފައިވާ ފަރާތަކަށް އެ ދާއިރާއަކުން ނެޝަނަލް ސެޓްފިކެޓެއް ހާސިލުކުރެވޭނެ މަގު ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިސާލަކަށް، ޕޭސްޓްރީ ދާއިރާގައި މަދުވެގެން 5 އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތެއް ނެޝެނަލް ޓްރޭޑް ޓެސްޓިންގ ހެދުމަށްފަހު ޕޭސްޓްރީއާ ގުޅޭ ދާއިރާއިން ގައުމީ ސަނަދެއް ހާސިލްކުރުމުގެ ފުރުސަތު ލިބެއެވެ.

މި ދެ ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮށްދިނުމަށް، އެމް.އެން.އެސް.ޑީ.އޭ ގައި ރަޖިސްޓަރ ކޮށްފައިވާ ކޮންމެ އިންސްޓިޓިއުޓަކަށްވެސް ފުރުސަތު އޮތްކަމަށާއި، އެކަމަށް މަރުޙަބާ ކިޔާކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވިއެވެ. މި ދެ ޕްރޮގްރާމްގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު އިތުރުކޮށް، ވަޒީފާގެ ބާޒާރުގައި ޤާބިލު މުވައްޒަފުން އުފެއްދުމެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަންނީ ހުނަރު ލިބި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެހީތެރިވެދޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު