ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ 4 މީހުންގެ ތެރެއިން 2 މީހަކު ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނި ގޮތުގައި، ބާކީ ތިބި ދެ މީހުންނަށް ދަނީ އެ ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ. އެ ހާދިސާގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ 4 މީހުންނަކީ ވެސް އެ ކެފޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހާދިސާ ހިނގި ވަގުތު ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.






