އާދިއްތަ, November 1
އޮކްޓޫބަރު މަހު ރާއްޖެއަށް 194,039 ފަތުރުވެރިން ޒިޔާރަތްކޮށްފި

ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194,039 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 192,398 ފަތުރުވެރިންނާ އަޅާބަލާއިރު 0.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 1,797,060 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކުވެސް 6,000 އެއްހައި ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މާރިޗު މަހުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. ނަމަވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު މިވަނީ އަނެއްކާވެސް އިތުރުވާން ފަށާފައެވެ.

މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 331,817 ފަތުރުވެރިން ރާއްޖެ އައިއިރު، ރަޝިއާއިން 256,822 ފަތުރުވެރިން، އިނގިރޭސިވިލާތުން 135,897 ފަތުރުވެރިން، ޖަރުމަނުވިލާތުން 119,589 ފަތުރުވެރިން އަދި އިޓަލީވިލާތުން 105,485 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓްތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 74 އިންސައްތަ ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރަށްރަށުގެ ގެސްޓްހައުސްތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 21.6 އިންސައްތައެވެ.

މިއަހަރަށް ސަރުކާރުން ފުރަތަމަ ކަނޑައެޅި އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ފަތުރުވެރިކަމުގެ ހިއްސާދާރުންނާ ގުޅިގެން ކުރި މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ. އަދި މި ސީޒަނުގައި އިތުރު ހަތް އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާކަން ވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު