ރަސްމާލެ ތަރައްގީކުރުމަށް އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކުރި މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި ހުށަހެޅުނު ގަރާރަކާ ބެހޭގޮތުން ބަހުސްކުރުމަށް މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަޅުގަނޑު މި ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދުކުރަން،" ނަޝީދު ވިދާޅުވިއެވެ.
ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައިވަނީ ރަސްމާލެ މަޝްރޫއާ މެދު ދެކޭ ގޮތް ބެލުމަށް އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި، އެފަދަ ވޯޓަކަށް ސަރުކާރުން އެއްބަސްނުވެއްޖެ ނަމަ އެ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާކުރުމަށެވެ.
ބައެއް ބޭފުޅުން 100 އަހަރުވުމުން ވާނެ ގޮތަކާ މެދު ސުވާލު އުފައްދަވާ ކަމަށް ފާހަގަކުރައްވައި، ނަޝީދު ވަނީ ތާރީހީ މިސާލެއްވެސް ދައްކަވައިފައެވެ. މީގެ 300 އަހަރު ކުރިން ރާއްޖެއައި ތިން ނާގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރި ކަމަށާއި، އަނެއް ނާ ދިޔައީ ދުވާފަރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހޯރަފުށީ ދާއިރާގެ ރައީސަކީ އެ ނާއިން ވަޑައިގެންނެވި ބޭފުޅުންގެ އާއިލާއެއްގެ ބޭފުޅެއް ކަމަށް އެމަނިކުފާނަށް އެނގިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު ވަނީ މިއަދު ނެރުއްވި ބަޔާނެއްގައިވެސް، ތަނަވަސްކަން ހޯދައިދޭނެ ޕްރޮޖެކްޓްތައް ޒަޔަނިޒަމްއާ ގުޅުވައި އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ އާންމު ބަހުސް ހީނަރުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ރަސްމާލެ ތަރައްގީކުރުމަށް އީގަލް ހިލްސްއަށް 99 އަހަރަށް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ.






