Saturday, October 31
މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރަން ރައީސް ގެންގުޅުއްވާ ސިޔާސަތަށް މައުމޫންގެ ތައުރީފު

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރައްވައި ދެމެހެއްޓެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތެއްކަން ފާހަގަކުރައްވައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރައީސް ޑރ. މުޢިއްޒަށް ޝުކުރު އަދާކުރައްވައި ސާބަސް ދެއްވައިފިއެވެ.

އެމަނިކުފާނު ޝުކުރު އަދާކުރައްވައި ސާބަސް ދެއްވީ ނަސްރު ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫންގެ ވާހަކަފުޅުގައި ވަނީ ދުނިޔޭގެ ކަންތައްތައް ބަދަލުވަމުންދާ ގޮތުން ރާއްޖޭގެ ގައުމީ މަސްރަހަށް ބަދަލުތަކެއް އައި ނަމަވެސް، އަދި ޒަމާނާ އެކަށީގެންވާ ގޮތަކަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުވަމުން ދިޔަ ނަމަވެސް، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެދި ހިނގަމުންދިޔަ ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން ގއުމީ ވަހުދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން މައުމޫނު ވަނީ ނަސްރުގެ ދުވަހު އެހީތެރިވެދިން ގައުމުތަކާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އެ ދުވަހު ޝަހީދުވި ސިފައިންނަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި އަދި ދިވެހިރާއްޖޭގެ އިއްޒަތާ ޝަރަފަށްޓަކައި މަރުވެދިޔަ ގައުމީ އަބުޠާލުންގެ ގޮތުގައި ވެސް ސިފަކުރެއްވިއެވެ.

އެ ދުވަހު ގައުމަށް ލިބުނު ނަސްރަކީ، މާތް ﷲ ގެ ހަޟްރަތުން ލިބުނު ނަސްރެއްކަން ހަނދާންކުރަންޖެހޭ ކަމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އީމާންކަން ވަރުގަދަކޮށް، މާތް ﷲ އަށް އޮންނަ ލޯބި އިތުރުކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު