Saturday, October 31
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސިއްހީ ވުޒާރާއިން ބުނީ ޗައިނާއަށް އެކްސްޕޯޓްކުރާ މޯލްޑިވިއަން ވައިލްޑް އެކްވަޓިކް ޕްރޮޑަކްޓްސް އިންސްޕެކްޝަން އަދި ކަރަންޓީން ކުރުމުގެ ޝަރުތުތައް ކަނޑައެޅުމަށް ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޕްރޮޓޮކޯލެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެމްއެފްޑީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒާހިރެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ވައިސް މިނިސްޓަރ ވޫ ހައިޕިންގް އެވެ.

ސިއްހީ ވުޒާރާއިން ބުނީ މި ޕްރޮޓޮކޯލްގެ ސަބަބުން ދެގައުމުގެ ދެ މެދުގައި ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އޭގެތެރެގައި ފަރުމަހާއި، ހުއިފިލަނޑާގެ ބާވަތްތައް ހިމެނޭ ކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވެންގ ލިޒިން ވިދާޅުވީ މިއީ ދެ ގައުމަށް ވެސް ފައިދާކުރުވަނިވި އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށާއި ގައުމުގެ އިގުތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަން ދެ ގައުމުން ވެސް ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު