Saturday, October 31
އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ނޫސްވެރިންތަކެއް މަރުވެއްޖެ

ލުބުނާނުގެ ދެކުނުގައި ހުންނަ މީޑިއާ ޝެލްޓަރަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ތިން ނޫސްވެރިން މަރުވެ ގިނަ އަދަދެއްގެ ނޫސްވެރިން ޒަޚަމްވެފައިވާ ކަމަށް މީޑިއާރިޕޯޓްތައް ބުނެފިއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ލުބުނާނުގެ ހަސްބަޔާ ސަރަހައްދުގައި ހުރި ޓެންޓުތަކަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ޓެންޓުތަކުގައި އިޒްރޭލާއި ހިޒްބުﷲ ޖަމާއަތާ ދެމެދު ހިންގަމުންދާ ހަނގުރާމަ ކަވަރު ކުރަމުންދިޔަ 18 ނޫސްވެރިން ތިއްބެވެ.

ނޫސްވެރިން ހަމަލާ އަމާޒުވި ޓެންޓުތަކައް ބަދަލުވީ އިސްރާއީލުން އެ މީހުން ކުރިން ތިބި އެކޮމޮޑޭޝަނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ކަމަށް ނޫސްތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.

މި ހާދިސާގައި މަރުވެފައިވަނީ ލުބުނާނުގެ ޓީވީ ޗެނަލް އަލް މަޔާދީންގެ ޣައްސާން ނައްޖާރާއި، މުހައްމަދު ރެދާ އަދި ލުބުނާނުގެ ނިއުސް އައުޓްލެޓް އަލް މަނާރުގައި މަސައްކަތް ކުރި ވިސާމް ގާސިމް ކަމަށް މައުލޫމާތު ލިބެއެވެ.

އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނި ގޮތުގައި މި ހަމަލާތައް ޚާއްސަކޮށް އަމާޒުވެފައިވަނީ އަލް މަޔާދީން އަދި އަލް މަނާރުގެ ނޫސްވެރިން ދިރިއުޅެމުން ދިޔަ ޓެންޓުތަކަށެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ދެ ނޫހަކީ ހިޒްބުالله ޖަމާއަތާ ގުޅިފައިވާ ދެ ނޫހެވެ.

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޒިޔާދު މަކަރީ ވަނީ އިޒްރޭލުގެ ވައިގެ ހަމަލާ ކުށްވެރިކުރައްވައި، މިއީ "ވާރ ކްރައިމް" އެއް ކަމަށް ސިފަކުރައްވާފައެވެ.

ޕްރޮޓެކްޓް ޖާނަލިސްޓުންގެ ކޮމިޓީއިން މައުލޫމާތު ދިން ގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ޢައްޒާއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 125 ނޫސްވެރިން ވަނީ ޝަހީދު ވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު