އާދިއްތަ, November 1
ނަފްސާނީ ބަލިމަޑު ކަމުން ރަައްކާތެރިވުން

ނަފްސާނީ ބައްޔަށް ފަރުވާ ކުރާ ދިވެހިންގެ އަދަދު މިހާރު ދަނީ ދުވަހެށް ދުހަވަހަކަށް އިތުރުވަމުންނެވެ. އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަކީ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ޓަކައި ވަރަށް މުހިންމު އެއްޗެކެވެ. ނަފްސާނީ ދުޅަހެޔޮ ކަން ނެތް މީހުންނަށް އެކިކަހަލަ ބަލިތައްޖެހުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ, ނަފްސާނީ ބަލިމަޑުކަން ގުޅިފައިވަނީ އިންސާނާގެ ސިކުނޑިޔާއި ކަމުގައިވެފައި, އިންސާނާގެ ކޮންމެ ގުނަވަނެއް މަސައްކަތް ކުރަނީ ސިކުނޑީގެ އިރުޝާދުން ކަމުގައި ވާތީއެވެ. ނަފްސާނީ ބަލިމަޑުކަމުން ސަލާމަތް ވުމަށްޓަކައި ކުރުވޭނެ ކަންކަން އެބަހުއްޓެވެ. ހުރިހާ ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލިތަކުގައިވެސް އަލާމާތްތަކެއް ހުރެއެވެ. މިފަދަ އަލާމާތްތަށް ދެނެގަނެ ބަލި ބޮޑުވުމުގެ ކުރިން ފިޔަވަޅު އެޅުމަކީ މިބަލިިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެކަމެކެެވެ.

ނަފްސާނީ ބަލިމަޑު ކަމުގެ އަލާމާތްތަކުގެ ތެރޭގައި, މާގިނައިން ކަންކަމާއި މެދު ވިސްނައި ހިތާމަކުރެވުން ހިމެނެއެވެ. ވިސްނުމާއި ފިކުރު ބޮޑުވެ, ކޮންމެ ކަމަކާއި މެދު އިދިކީލި ވިސްނުން ގެންގުޅެވެއެވެ. ހަށިގަނޑު ލޮޑުވެ އަބަދު ވަރުބަލި ކަން އިހްސާކުރެވިފައި ހުރުމަކީވެސް ނަފްސާނީ ބަލީގެ އަލާމާތެކެވެ. މީގެ އިތުރުން ކެއުން ބުއިން މަދުވުން އަދި ނިދަން އުނދަގޫވުންވެސް ހިމެނެއެވެ. އަނެއްބައި ފަހަރަށް މާގިނައިން ނިދުމާއި މާ ގިނައިން ކެއުންވެސް ހިމެނެއެވެ. 

އިސްވެ ދެންނެވުނު އަލާމާތްތަކުގައި އެއްބައިމީހުން އަހަރުތަށް ވެސް ހޭދަކުރެއެވެ. ނަފްސާނީ ބަލިމަޑު ކަމަކީ މީހަކު ހުންނަގޮތަކަށް ބަލައިގެން ދެނެގަނެވޭނެ ކަމެއްނޫނެވެ. މިކަމަކީ އިންސާނާގެ ސިކުނޑީގައި ހިނގާ ހަނގުރާމައެއްފަދަ ކަމެކެވެ. މި އަލާމާތްތަކަށް އެކަށީގެންވާ ފަރުވާ ނުހޯދި ގިނަ ދުވަސްވުމުން ގިނަ މީހުންނަށް މިކަމުގެ ބޮޑެތި އަސަރުތަށް ކުރެއެވެ. ބޮލަށް އެނބުރުން އަރިގެންގޮސް ވެއްޓުމާއި, ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ދިމާވެއެވެ. އެއްބައިމީހުން ވިސްނަމުންގޮސް ސްޓްރޯކު ޖެހި ހިތުގެ މައްސަލަތަށްވެސް ދިމާވެފައި އެބަހުއްޓެވެ. 

ގިނަމީހުންނަށް ނަފްސާނީ ބަލިމަޑުކަމެއް ގައިގައި ހުރިކަންވެސް ދެނެގަނެވެނީ މިހާލަތަށް ކަންތައް ދާ ހިސާބުންނެވެ. މިގޮތަށް ކަންތައް ވުމުން އެއްބަޔަކު ރުޤްޔާ ކުރާ މީހުން ގެޔަށް ގެނެސްގެން ކިޔަވާ ހަދައެވެ. އެނެއްބަޔަކު ނަފްސާނީ ފަރުވާދޭ ޑަކްޓަރުންނަށް ދައްކައިގެން ރަނގަޅު ކުރުމަަށް މަސައްކަތް ކުރެއެވެ. މިދެގޮތުންވެސް މީހުން ރަނގަޅު ވެފައި ހުރިކަން ފާހަގަ ކޮށްލަމެވެ.

ނަފްސާނީ ބަލިމަޑުކަމުން އަރައި ގަތުމަށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ދީނުގައި އަންގަވައިފައިވާ ކޮންމެ ކަމެއްގެ ފަހަތުގައި ޙިކުމަތްތަކެއްވާތީއެވެ. މިގޮތުން 5 ވަގުތު ނާޅައި ނަމާދު ކުރުމާއި ގިިނަގިނައިން ޒިކުރުކުރުން ހިމެނެއެވެ.

“ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ “

މާނަޔަކީ, ” حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. ”

މިއީ ކޮންމެ ނަމާދެއްގައިވެސް ކުރެވޭ ދުޢާއެކެވެ. އަދި ޒިކުރުކުރުމަގިވެސް ކުރެވޭ ދުޢާއެކެވެ. ކަންކަމާއި ޝަކުވާ ކުރުމުގެ ބަދަލުގައި ޝުކުރުވެރި ވުމުގެ އާދަ އަޅުގަނޑުމެންގެ ގައިގައި ހަރުލެއްވުމަކީ ނަފްސާނީ ބަލިމަޑުކަމުން އަރައި ގަތުމަށް ކުރެވޭނެ ވަރަށް މުހިންމުކަމެކެވެ. މިއީ ކުޑަކުޑަ މިސާލެކެވެ. މިފަދަ ދުޢާ ތަކާއި ޒިކުރުތައް ކޮންމެ ދުވަހަކުވެސް ކިޔަން އާދަ ކުރާކަމުގައި ވަނީ ނަމަ ދިރުއުޅުން ބަދަލުވެގެން ދާނެއެވެ.

ނަމާދު ކުރުމުގައިޔާއި ޒިކުރުކުރުމުގައި އިސްކަންދޭން ޖެހޭކަންކަމުގެ ތެރޭގައި، ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުޢާތަކުގެ މާނަ އެނގެންޖެހެއެވެ. އަދި އަޅުކަންކުރުމުގައި ޢިޙްލާސްތެރިކަމާއި އެކު ހެއްދެވި ފަރާތުގެ ރުހުން ހޯދުމަށް އެދިގެން ކުރުންވެސް މިކަމުގެ ތެރޭގައި ހިމެނެއެވެ. ގިނަގިނައިން ހަނދުމަ ކުރާކަމުގައި ވީ ނަމަ އަޅުގަނޑުމެންގެ ޢީމާންތެރިކަން ވަރުގަދަވެ, ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ. 

ކެއުންބުއިމާއި ނިދުމުގައި ހަމަތަކެއް ގެންގުޅުމަކީ ނަފްސާނީ ބަލިމަޑުކަމުން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅެކެވެ. މިގޮތުން ފައިދާ ހުރިކާނާ ބޭނުން ކުރުމާއި ބަނޑު ފުރެންދެން ނުކެއުން ހިމެނެއެވެ. ހަފްތާގެ ދެދުވަހަކު ރޯދަހިފާލުމަކީވެސް ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަމެކެވެ. ކެއުމާއި ބުއިމުގައި ހައްދުފަހަނަ އަަޅައިފިނަމަ އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބެއެވެ. 

މާގިނައިން ނިދުމަކީ ދީނުގައިވެސް އެކަމަށް ބާރުއަޅާ ކަމެއްނޫނެވެ. މިގޮތުން ނިދުމަށް ވަކިވަގުތުތަކެއް ކަނޑައަޅައި އެވަގުތުތަކުުގައި ނިދިހަމަ ކުރުމަކީ މުހިންމުކަމެކެވެ. އަދި ފަތިހު ހޭލައި ފަތިސްނަމާދު ކޮށްލުމަކީ މީހާގެ ދުވަސް އުޖާލާވެގެން ދާނެކަމެކެވެ. އަދި ދިރުއުޅުމަށް ކުރާމަަސައްކަތުގައި ބަރަކާތްވެސް ލައްވާކަމެކެެވެ. 

ދިރިއުޅުމުގައި, ދެވޭ ނުދެވޭ މިސްރާބެއް ނޭގި ފޫހިވެފައި ހުނަން ޖެހުމަކީ ވެސް ނަފްސާނީ ބަލިމަޑުކަމަކަށް އިންސާނާ ގެންގޮސްދާނެފަދަ ނުރައްކަލެކެވެ. އަދި މިކަމަށް އޮތް ހައްލަކީ, ދިރުއުޅުމުގައި ހާސިލް ކުރާނެ ކަންތައްތަކެއް ކަނޑައަޅައި އެކަންކަން ހާސިލް ކުރުމަށްޓަކައި މަސައްކަތް ކުރުމެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި, ވަގުތު ބޭނުން ކުރާނެ ގޮތެއްރާވައި, ކަންކަމުގައި މަސްޢޫލުވެ އުޅުމުން ދިރުއުޅުން ފާގަތި ވެގެންދާނެއެވެ. 

ނަފްސާނީ ބަލިމަޑުކަމުން ކޮންމެ މީހަކަށްވެސް އަރައި ގަނެވޭނެވެ. ބަލި ބޮޑު ވުމުގެ ކުރިން އަަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރައްކާތެރިކަން ހޯދަންޖެހެއެވެ. މިގޮތުން އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ކާނާ އަދި ނިދުން ފަދަ ކަންކަން ފޯރުކޮށް ދިނުމުގައި މެދުމިންގަނޑެއް ގެންގުޅުމަކީ ކޮންމެހެން ވެސް ކުރަންޖެހޭކަމެކެވެ. ދިިރިއުޅުމުގައި ދިމާވާ ކަންކަމާއި މެދު ފަހި ވިސްނުމެއް ގެންގުޅެން އާދަ ކުރަންޖެހެއެވެ. އަޅުކަމުގައި މަސްޢޫލުވެ އުޅުމާއި އެކު ދިރިހުރުމުގެ މަޤްސަދު ހޯދައި, ފާގަތި ދިރިއުޅުމެއް ބިނާ ކުރުމަށް މަސައްކަތްކޮށްފިނަމަ މިފަދަބަލިމަޑުކަމަކުން ރައްކާތެރި ވުމުގެ ފުރުސަތު ބޮޑެވެ. 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓު

  1. އިބްރާހީމް މުއްޞިދު - 2024-10-27T01:58:02

    ތިޔަ ފަރާތުގެ ކޮމެންޓު

  2. ޖޭމްސް - 2024-10-26T02:57:26

    ރަނގަޅު

  3. ހަމީމް - 2024-10-26T02:56:18

    ވަރަށް ރަނގަޅު ލިޔުމެއް