އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އައިއޭއީއޭގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށާއި، މިކަމަކީ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވީ ސެޕްޓެމްބަރު 2 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ސެޕްޓެމްބަރު 1 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އައިއޭއީއޭގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭ މައްސަލަ މަޖިލީހަށް ފޮނުއްވުމުން، މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދިނީ މި މަހުގެ 16 ގައެވެ.
ހަމައެއާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ ވޯޓުން ވަނީ
ރާއްޖެއިން އައިއޭއީއޭގައި ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.
އައިއޭއީއޭގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވީ ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެެރިކަން ހޯދުމަށެވެ. ކެންސަރަށް ފަރުވާ ދިނުމުގައި ނިއުކްލިއަރ މެޑިސިންގެ އެކި ފަރުވާތައް ބޭނުންކުރާއިރު، އެކަމާ ގުޅޭ ބައިނަލްއަގުވާމީ އިދާރާއަކީ އައިއޭއީއެވެ. އައިއޭއީއޭއާ ރާއްޖެއިން ގުޅުމަށް ކުރާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑިފެންސް މިނިސްޓްރީންނެވެ.
ހަނގުރާމައިގެ ބޭނުމަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރިޔަ ނުދިނުމަށާއި، އޭގެ ފައިދާ ރަނގަޅު ގޮތުގައި ބޭރުކުރަން އެހީތެެރިވުމަށް އައިއޭއީއޭ އުފެއްދީ 1957 ވަނަ އަހަރުގެ ޖުލައިމަހުގެ 29 ގައެވެ.
މި ލިޔުން ކިޔާލުމުން