އާދިއްތަ, November 1
ހަނިމާދޫ އެއާޕޯޓު ނިމެންވާއިރަށް އެ އަތޮޅަށް 4,000 އެނދު ގެންނަން މަސައްކަތް އެބަކުރަން: ފައިޞަލް

ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމެންވާއިރަށް އެ އަތޮޅުގައި 4,000 އެނދު ތަރައްގީކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު ފައިސާއިން ކުރިއަށްގެންދާ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމެންވާއިރަށް ހދ.އަތޮޅުގައި ޓޫރިސްޓް އެނދު އިތުރުކުރަން މި ސަރުކާރުން ރާވައިފައިވޭތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހދ.އަތޮޅުގައި ރިސޯޓު ތަރައްގީ ކުރެވިދާނެ ރަށްތައް ފާހަގަކޮށް، އެ ރަށްތަކުގެ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކުރަމުންދާ ކަމަށެވެ.

'"....އެއާޕޯޓް ނިމެންވާއިރަށް އެ ތަނަށް 4,000 ވަރަކަށް އެނދު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން."'

މިނިސްޓަރު ވިދާޅުވީ ހދ.އަތޮޅުގައި މިހާރު ރަޖިސްޓްރީކޮށްފައިވަނީ 460 އެނދު ކަމަށާއި، އިތުރު 1,886 އެނދު ތަރައްގީކުރުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހަނިމާދޫގެ އެއާޕޯޓު ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ މާޗުގައެވެ.

ހަނިމާދުއަށް އިންޓަނޭޝަނަލް އެއާޕޯޓެއް އައުމަކީ އެތަނުގެ ކަނެކްޓިވިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު