ވޭފް ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުން ދިވެހިޖާއްޖޭގައި ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ބެހޭ އިދާރާތަކަށް ވަނީ މި މަހުގެ 14 ގައި އަންގަވައިފަ އެވެ. ރައީސް ނިންމަވާފައި ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި, ވިއްކުން އަދި އެބޭނުން ކުރުން މަނާ ކުރުމަށްށެވެ.
މިގޮތުން މިޔަދު މިކަމާގުޅޭގޮތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ވަނީ ބިލެއްހުށަހެޅި ބިލަށް ބަހުސް ކުރެވިފައެވެ. މިބިލް ހުށަހެޅީ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް މުހައްމަދުއެވެ. މިބިލްގައި ސިނގިރޭޓާއި ބިޑިން ނަގައި އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން ހުށަހަޅާފައެވެ. އަދި، ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން ވެސް ވަނީ ހުށަހަޅާފައެވެ.
މިއިސްލާހަށް ވާހަކަފުޅު ދަށްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ, ދުންފަތް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގަވައިދުތައް ތަންފީޒު ނުކުރެވޭ ނަމަ ޓެކްސް ބޮޑުކޮށްގެން މަގްސަދު ހާސިލް ނުވާނެ ކަމަށްށެވެ. އިތުރަށް ނާޒިމް ވިދާޅުވީ, ބާޒާރުގައި މިހާރު 100ރ. އަށް ސިނގިރޭޓު ފޮއްޓެއް ލިބެން ހުރި އިރު ޓެކްސް ބޮޑުކުރުމާ އެކު އެ އަގު 250ރ. އަށް ބޮޑުވާނެ ކަމަށްށެވެ.
އަދި ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކުރާއިރު ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ވެސް ބޮޑުކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ. ނާޒިމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިދިޔަ ހަފުތާގައި މެލޭޝިއާގައި ތައާރަފުކުރި ބަޖެޓުގައި ވެސް ހަކުރު އަޅައިގެން އުފައްދާ ޑްރިންކްސްތަކުން ނެގޭ ޓެކްސް ވަނީ ބޮޑުކޮށްފައިވާކަމަށްށެވެ. އަދި މިހާރު އިނގިރޭސިވިލާތުގައި މިބާވަތުގެ އުފެއްދުންތަކުން ޓެކްސް ނަގާކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ ދުޅަހެޔޮކަން ޔަގީންކުރުމަށްޓަކައި ހަމައެކަނި ދުންފަތުގެ ބާވަތްތަކަށް ފޯކަސްކުރުމުގެ ބަދަލުގައި ހަކުރު ބާވަތްތަކުން ޓެކްސް ނެގުން މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ކުރަންޖެހޭ “ ނާޒިމް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން