އާދިއްތަ, November 1
ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނޯވޭ: ޑރ.ޝަހީމް

އިސްލާމްދީނުގެ ޖުމުހޫރް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަ ކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނޯންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އިޒްރޭލްގެ ހަމަލާތަކުގައި ޝަހީދުވި ހަމާސްގެ ލީޑަރު ޔަހުޔާ ސިންވާރުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށު ނަމާދު ނުކުރާތީ އެކަމާ ފާޑުކިޔުން އަމާޒުކުރަމުންދާ ވަގުތެެއްގައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެވަޑައިގަންނަވަނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށާއި، ޖާއިޒުކަމަށް ދެކެވަޑައިގަންނަވާ އިލްމުވެރިން ވެސް ވިދާޅުވަނީ އެއީ ވާޖިބު ކަމެއް ނޫންކަމެއް ކަމުގައި ކަމަށެވެ.

ދީނުގެ ކަންކަމުގައި އަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށް ކަމަށާއި، ކީރިތި ރަސޫލާގެ ސައްހަ ސުންނަތުގައި އޮންނަ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ އުހުދު ހަނގުރާމައިގައި ޝަހީދުވި މާތް ސަހާބީންގެ މައްޗަށް ކީރިތި ރަސޫލާ ކަށު ނަމާދު ކުރައްވާފައިނުވާ ކަމަށާއި، އެ ހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ޙަމްޒަތުގެފާނުގެ މައްޗަށް ވެސް އަދި އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދު ކުރައްވާފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައި ކަމަށާއި، ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތް ކަމަށެވެ. އަދި ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެއް ކަމަށާއި، ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު