އާދިއްތަ, November 1
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުޙައްމަދު
ޝަރީފް އައްޔަންކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެން ކަމަށެވެ.

ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި އޭނަ ވަނީ 7 އަހަރަށްވުރެ ދިގު މުއްދަތެއްގެ
ތަޖުރިބާ ހޯއްދަވާފައެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގައި ޝަރީފް މަސައްކަތްކުރެއްވި މުއްދަތުގައި ބޭންކުގެ ހިންގުން ޒަމާނީކުރުމަށާއި، ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފައިވާ ކަމަށެވެ.

އެގޮތުން ކޯ-ބޭންކިންގ ސިސްޓަމްތައް ގާއިމުކުރުމާއި،
ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފު ކުރުމާއި، ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ޚިދުމަތްތަކާއެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ބޭންކަށް ޚިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލު ކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއްކަމަށްވާ އިސްލާމިކް ބޭންކިންގ، ޓެކްނޮލޮޖީ، މާކެޓިންގ، ރީޓެއިލް ބޭންކިންގ އަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން އެމްބީއޭ ހާސިލު ކުރައްވާފައެވެ. އަދި ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި
ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމް" ފުރިހަމަ ކުރައްވާފައެވެ.

ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމް އަދާކުރައްވާފައެވެ. ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި، ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ބޭންކުގެ މި ނިންމުމާއެކު ޝަރީފަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯއެވެ. މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލު ކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު