2019 ވަނަ އަހަރު ލ.ގަމު މަތިމަރަދޫ ފެނަކަ ބްރާންޗު ހިންގުމާ ހަވާލުވެހުރި، އޭރުގެ އެސިސްޓެންޓް މެނޭޖަރު ނަޞްރުﷲ ޢަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަނުން މިއަދު ބުނީ ނަޞްރުﷲ ގެ މައްޗަށް
ދައުވާކޮށްދިނުމަށް އެދި ފޮނުވީ 29 ސެޕްޓެމްބަރުގައި ކަމަށެވެ.
އޭނާގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.
ފެނަކައިން ބުނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ.ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރެވުނީ ނަޞްރުﷲ ގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ޚިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތި ކަމަށެވެ.
މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށެވެ.
މި ލިޔުން ކިޔާލުމުން