އާދިއްތަ, November 1
ހުޅުމާލޭ ފަރަށް ދެ އުޅަނދެއް އުރި، ބޮޑެތި ގެއްލުންތަކެއް ވުމުން 29 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

ހުޅުމާލޭގެ އުތުރުފަރާތު ފަރަށް ދެ އުޅަނދެއް އުރި، ތިމާވެށްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ދެ އުޅަނދުގެ ވެރި ފަރާތް 29 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު 21 ގައި ޓަގު "ANADI" އަދި ބާޖު "AM MANUMIT" ވަނީ ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އުރިފައެވެ. މި އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ 23 އޭޕްރީލް ގައެވެ.

އީޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދެ އުޅަނދު ފަރަށް އުރުމުން ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން، އެ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސަރވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކުރިޔަށް ގެންދެވިފައިވާ ކަމަށާއި، ސާވޭއިން ދައްކާ ގޮތުގައި އެ ސަރަހައްދުގެ 1159 އަކަ މީޓަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ  ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅުނު ޖޫރިމަނާގެ އަދަދަކީ 29,201,946 ދިވެހި ރުފިޔާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ ޖޫރިމަނާގެ ފައިސާ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް 01 އޮކްޓޫބަރުގައި އަންގާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު