Saturday, October 31
މަސްވެރިންގެ ދުވަހުގައި ދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިއަދު ކުރި އިއުލާނެއްގައި ބުނީ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި ދެވޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވައިލެވިފައިވާ ކަމަށެވެ.

އޭގެތެރޭގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް) ހޮވުމާއި، މިހާރުވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދިި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 7 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ.

އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މިނިސްޓްރީން ބުނީ މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv  އަށް ފޮނުއްވުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު