އިއްޔެ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާއާ ބެހޭގޮތުން ޕާޓީގެ ސެކްރެޓޭރިއޭޓުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނުމުގެ ކުރިން، ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވަކި ކެންޑިޑޭޓަކު މޮޅުވެއްޖެ ކަމަށް އިއުލާނުކުރުމާ މެދު، އެ މަޤާމަށް ވާދަކުރި އަރުޝަމް ޢަބްދުﷲ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބައެއް މީޑިއާތަކުން ވަނީ، ލިބިފައިވާ ނަތީޖާތަކަށް ބިނާކޮށް، އަރުޝަމްއާ ވާދަކުރި އަޙްމަދު އީސާ (އައިކު) މޮޅުވެއްޖެ ކަމަށް އިއުލާނުކޮށްފައެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަރުޝަމް ލިޔެފައިވަނީ، "އަޅުގަނޑުމެންގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ޚަބަރު ފަތުރާ އެކި ވަސީލަތްތަކުން އިއްޔެގެ އިންތިޚާބުގެ ނަތީޖާއާ ބެހޭގޮތުން އެކި ޚަބަރު ފެތުރުމަކީ ކަންބޮޑުވާ ކަމެއް" ކަމަށެވެ.
ބައެއް ފޮށިތަކުގެ ނަތީޖާއަށް ވީ ނުވީއެއް ނޭނގި ވަނިކޮށް، އާންމުންނަށް ޙަޤީޤަތް އޮޅޭ ގޮތަށް މިފަދަ ޚަބަރުތައް ދައުރުކުރާއިރު، އެ ނަތީޖާ އެ ފަރާތްތަކަށް ލިބެމުންދާ ގޮތާ މެދު ކަންބޮޑުވުން ހުރި ކަމަށާއި، ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމަށް ވެސް އަރުޝަމް ވަނީ ފާހަގަކޮށްފައެވެ.
އެ ނަތީޖާ އެ ފަރާތްތަކަށް ލިބި، ބައެއް ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކޮށްފި ކަމަށް އިއުލާނުކުރަމުން ގެންދިއުމަކީ، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މި އިންތިޚާބުގައި އަރުޝަމް ވާދަކުރީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދު ލިބިފައިވާ "ޓީމު އެމްޑީޕީ"ގެ ފަރާތުންނެވެ. އައިކު ވާދަކުރީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒު އިސްމާޢީލްގެ "ބޮޑު ބަދަލު" ޓީމުގެ ފަރާތުންނެވެ.
ހުކުރު ދުވަހު ބޭއްވުނު މި އިންތިޚާބުގެ ނަތީޖާއާއެކު، ޕާޓީގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.






