މިއަދު ބޭއްވި ބައި-އިލެކްޝަންގައި، ހއ. ވަށަފަރާއި ވ. ތިނަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ގޮނޑިތައް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.
ހއ. ވަށަފަރު ޑަބްލިއުޑީސީގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ރިޝްމާ އާދަމްއެވެ. އޭނާއާ ވާދަކުރީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރި ޒައިނާޒް އަޙްމަދެވެ.
ވަގުތީ ނަތީޖާއަށް ބަލާއިރު، ވަށަފަރު ސްކޫލުގައި ބެހެއްޓި ފޮށިން ރިޝްމާއަށް 126 ވޯޓު ލިބުނުއިރު، ޒައިނާޒަށް ލިބުނީ 124 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށިން ރިޝްމާއަށް 107 ވޯޓު ލިބުނުއިރު، ޒައިނާޒަށް ލިބުނީ 66 ވޯޓެވެ.
ވ. ތިނަދޫ ޑަބްލިއުޑީސީގެ މެންބަރަކު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެސް އަމިއްލަ ގޮތުން ވާދަކުރި ޒީނާ އަޙްމަދެވެ. އޭނާއާ ވާދަކުރީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ވާދަކުރި ރިސްފާ ނަސީމްއެވެ.
ތިނަދޫ ސްކޫލުގައި ބެހެއްޓި ފޮށިން ޒީނާއަށް 26 ވޯޓު ލިބުނުއިރު، ރިސްފާއަށް 28 ވޯޓު ލިބުނެވެ. ނަމަވެސް މާލޭގައި ބެހެއްޓި ފޮށިން ޒީނާއަށް 50 ވޯޓު ލިބުނުއިރު، ރިސްފާއަށް ލިބުނީ 23 ވޯޓެވެ.
ހެނދުނު 08:00 އިން 16:00 އަށް ވޯޓުލުން ކުރިއަށްދިޔަ މިއަދުގެ ބައި-އިލެކްޝަންތަކުގައި، ވ. ތިނަދޫ ކައުންސިލުގެ ރައީސްކަން އެމްޑީޕީގެ ކެންޑިޑޭޓް ޝުޖާއު ކާމިޔާބުކުރިއިރު، އައްޑޫ ހުޅުދޫ ދާއިރާގެ ޑަބްލިއުޑީސީގެ ގޮނޑި ވަނީ ޕީއެންސީގެ ފާތިމަތު ނަބާހާ ކާމިޔާބުކޮށްފައެވެ.






