އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު މުޅި ރާއްޖެއަށް ފުޅާކުރުމުގެ ކުރިން، މުވައްޒަފުން ތަމްރީނުކުރުމުގެ ގޮތުން މި މަޝްރޫޢުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމްތައް މިއަދު ފަށައިފިއެވެ.
މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން ފުރަތަމަ ތަމްރީނު ޕްރޮގްރާމް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ނޭޝަނަލް އާޓް ގެލަރީގައި ބާއްވާފައެވެ. މި ޕްރޮގްރާމް ބޭއްވީ ވުޒާރާއާއި، ވުޒާރާގެ ދަށުން ހިންގާ އެކި އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށެވެ. މިއީ މުވައްޒަފުން ތަމްރީނުކުރުމަށް ފެށި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށް ވުޒާރާއިން ބުނެއެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝިމްލާ ވިދާޅުވީ، އެހެން މުއައްސަސާތަކަށް މައުލޫމާތު ދިނުމުގެ މަސައްކަތް ފެށުމުގެ ކުރިން ވުޒާރާގެ މުވައްޒަފުން މި ކަމަށް އަހުލުވެރިކުރުވުމަށް، ފުރަތަމަ ޕްރޮގްރާމް ބޭއްވީ އެ ވުޒާރާގެ މުވައްޒަފުންނަށް ކަމަށެވެ.
މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ 2027 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޤައުމީ މަޝްރޫޢުގެ ތެރެއިން، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ 24 ސިފައަށެވެ. މި 24 ސިފަ ހަތަރު ބަޔަކަށް ބަހާލައިގެން ތަމްރީނުތައް ކުރިއަށް ގެންދަނީ ވުޒާރާގެ ދަށުން ހިންގާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ހަތަރު އިސްވާރުންނެވެ.
ޝިމްލާ ވިދާޅުވީ، މި މަޝްރޫޢުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ޒާތީ، ދީނީ ގޮތުން ރަނގަޅު އަޚްލާޤީ ސިފަތަކާއި، މުޖްތަމަޢާ ގުޅުންހުރި އަޚްލާޤީ ސިފަތަކާ މެދު އަހުލުވެރިކުރުވުމަށް ކަމަށެވެ.
ތަމްރީނުގެ ސެޝަންތައް ފެށީ އިސްލާމީ އަދަބު އަޚްލާޤުގެ މުހިންމު ހަތް ސިފައަކަށް ޚާއްޞަކޮށްގެންނެވެ. އޭގެ ތެރޭގައި ވަގުތަށް ޙުރުމަތްތެރިކޮށް ހިތުމާއި، އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވުމާއި، ސަލާމް ގޮވައިލުން އާދައަކަށް ހެދުމާއި، އޯގާތެރިކަމާއެކު މުޢާމަލާތުކުރުމާއި، މީސްމީހުންގެ އަބުރު ގެއްލޭ ފަދަ ވާހަކަތައް ނުދެއްކުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް ޑިސެންބަރު މަހުގެ ތެރޭގައި ވީހާވެސް ފުޅާ ދާއިރާއެއްގައި މާލެއާއި އަތޮޅުތެރޭގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެ ތަމްރީނުތަކަށް ފަހު، އޭގެ ތެރެއިން މަންދޫބުންނާއި މުދައްރިބުން ކަނޑައަޅާނެއެވެ.
ސަރުކާރުގެ އެކި އޮފީސްތަކާއި، މުއައްސަސާތަކާއި ކުންފުނިތަކުގައި މި މަޝްރޫޢުގެ ތަމްރީނުތައް އިތުރަށް ފޯރުކޮށްދޭނީ، އެގޮތުން ހޮވާލެވޭ މަންދޫބުންނާއި މުދައްރިބުން މެދުވެރިކޮށް ކަމަށް ވުޒާރާއިން ބުނެއެވެ.






