އާދިއްތަ, November 29
ސިޓީގެ ދަރަޖަ ހޯދަން ތިނަދޫ ރަޖިސްޓްރީގައި މަޑަވެލީގެ 145 މީހެއްގެ ނަން ހިމަނާފައިވާ ކަމަށް ކައުންސިލުން ބުނެފި

ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި، ގދ. މަޑަވެލީގެ 145 މީހެއްގެ ނަން އެ މީހުންނަށް ނޭނގި ތިނަދޫގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް މަޑަވެލި ކައުންސިލުން ބުނެފިއެވެ.

މަޑަވެލި ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބޭނީ ރަށެއްގެ އާބާދީ 10،000 މީހުންނަށް ހަމަވުމުން ކަމަށާއި، ތިނަދޫން ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީގައި 10،000 މީހުން ހަމަކޮށްފައިވަނީ އޮޅުވާލައިގެން ކަމަށެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި، ތިނަދޫ ރަޖިސްޓްރީގައި ނަން ހިމަނާފައިވާ މީހުންގެ ތެރޭގައި މަޑަވެއްޔަށް ރަށްވެހިވެ އެ ރަށުގައި ދިރިއުޅެމުންދާ މީހުންނާއި، އެހެން ރަށްރަށުގައި ދިރިއުޅޭ މަޑަވެލީގެ ރައްޔިތުން ވެސް ހިމެނެއެވެ. ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމަކީ ކައުންސިލުގެ ފުރިހަމަ ޒިންމާއެއް ކަމަށާއި، އެއީ ބޭނުންހާ އިރަކު ބޭނުންހާ ބަދަލެއް ގެނެވޭނެ ރަޖިސްޓްރީއެއް ނޫން ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި މަޑަވެލި ކައުންސިލުން ވަނީ ތިނަދޫ ސިޓީ ކައުންސިލުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ މަޑަވެލީގެ ރައްޔިތުންގެ ނަންތައް ވަގުތުން އެ ރަޖިސްޓްރީން އުނިކޮށް، އަލުން މަޑަވެލީގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނައިދިނުމަށް ވެސް ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މިކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް މަޑަވެލި ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ތިނަދޫ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ޤާނޫނާ ހިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށް، އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ސައުދުގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު