އާދިއްތަ, November 29
އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް އީފާސް މެދުވެރިކޮށް އެދެވޭ ގޮތް ހަމަޖައްސައިފި

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޚިދުމަތްތަކަށް އީފާސް މެދުވެރިކޮށް ލޮގިންވެގެން އެދެވޭ ގޮތަށް، އެ ކުންފުނީގެ ކަސްޓަމާ އީ-ޕޯޓަލް އާ ފީޗާތަކާއެކު ލޯންޗުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ ލަނޑުދަނޑިތަކާ އެއްގޮތަށް، "ވަންގަވް" އަދި "އީފާސް" ފަދަ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ލުއިފަސޭހަކޮށްދިނުމުގެ މަޤްޞަދުގައެވެ.

އާ ނިޒާމުގެ ދަށުން ކަސްޓަމަރުން ޕޯޓަލަށް ވަންނާނީ އީފާސް އެކައުންޓް މެދުވެރިކޮށެވެ. އެގޮތުން، އަމިއްލަ ޕްރޮފައިލެއް ހެދުމަށްފަހު ރައްކާތެރިކަމާއެކު ކުންފުނީގެ ތަފާތު ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

އާ ޕޯޓަލް ބޭނުންކުރަން ފެށޭނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

ޕޯޓަލް ބޭނުންކުރާނެ ގޮތް ދައްކައިދޭ ޓިއުޓޯރިއަލް ވީޑިއޯތައް ކުންފުނީގެ މީސްމީޑިއާ މަންސަތަކުގައި ޢާންމުކުރެވެމުންދާނެ ކަމަށާއި، ޕޯޓަލް ބޭނުންކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ ކުންފުނީގެ ހޮޓްލައިން 1575 އަށް ގުޅައިގެން އެހީ ހޯދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް އަވަސް އަދި އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެމްޑަބްލިއުއެސްސީގެ އަމާޒު ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު