ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ހުސްވެފައިވާ މަޤާމަށް މީހަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއިން، ކުރީގެ ރައީސް ޝުޖާއު އަލުން އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފިއެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޝުޖާއު މި އިންތިޚާބުގައި ކުރި ހޯއްދެވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައިގެންނެވެ.
ޝުޖާއު ތިނަދޫ ކައުންސިލަށް އިންތިޚާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުންނެވެ. ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ހަމަވާން ޖެހޭ 3،000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލުމާ ގުޅިގެން ޝުޖާއު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން، ޕާޓީ ބަދަލުކުރެއްވި ކަމަށް ބުނެ، ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާފައިވަނީ މިދިޔަ ޖުލައި މަހުއެވެ.
މިއަދު 08:00 އިން 16:00 އަށް ކުރިއަށްގެންދިޔަ ބައި-އިލެކްޝަންތަކުގައި ތިނަދޫ ކައުންސިލުގެ ރައީސްގެ އިތުރުން، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް ހޮވުމަށާއި، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ޑަބްލިއުޑީސީތަކަށް މެންބަރުން ހޮވުމަށްވެސް ވޯޓުލިއެވެ.
މާލެ ސަރަހައްދުގައި 5 ވޯޓުފޮށި އަދި އަތޮޅުތެރޭގައި 5 ވޯޓުފޮށި ހިމެނޭ ގޮތަށް ޖުމްލަ 10 ވޯޓުފޮށި ބެހެއްޓި މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 3،776 މީހަކަށެވެ.






